ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެމީހުންނަކީ ހަރުކަށިފިކުރުގެ ވިސްނުން ގެންގުޅޭ ދެމީހުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ޕީޖީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މިއަދު ހައްޔަރު ކުރި ދެ މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ ދެ މީހުން ކަމަށާއި އަދި އެއީ ކުށުގެ ރެކޯޑު ވެސް އޮތް ދެ މީހުން ކަމަށެވެ. ނަމަވެސް އޮތީ ކޮން ބާވަތެއްގެ ކުށުގެ ރެކޯޑެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
"މިހާތަނަށް ތަހުގީގަށް ހައްޔަރުކުރި ދެ މީހުންނަކީ ވެސް އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި މި ކެޓަގަރީއަށް (ހަރުކަށި ފިކުރަށް) ފޯލްވާ ދެ މީހުން،" ސީޕީ ހަމީދު ވިދާޅުވިއެވެ.
އެމީހުން ގުޅެނީ ވަކި ޓެރެރިސްޓް ޖަމާއަތަކާއި ކަން އަދި ދަންނަވަން ނޭނގުނު ނަމަވެސް އެ ހުރިހާ ކަމެއް ވެސް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަން ސީޕީ ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި ހަރުކަށި ފިކުރު ތެރެއަށް ގެނބިގެން 1369 މީހަކު އުޅޭ. އެއީ އޭރުގެ އަދި މިހާރު އެ އަދަދު ތަންކޮޅެއް އިތުރުވެސް ވެދާނެ،" ހަރުކަށި ފިކުރުގެ ގިނަ ބަޔަކު ރާއްޖޭގައި އުޅޭކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވިއެވެ.
ފުލުހުން ކުރާ ތަހުގީގަށް ވަރަށް ގަނި ފެކްޓްސް ހޯދާނެ ކަމަށާއި އޭގެ ތެރޭގައި ހުރިހާ ދިމާލަކުން ލިބޭ މައުލޫމާތުތައް ހިމަނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު