ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ މައުލޫމާތު ހާމަކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހަމަލާދިން ވަގުތުގެ ވީޑިއޯ އާންމުކޮށްފައެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ ހަތަރު މީހެއް ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. ފުލުހުން މިއަދު ވަނީ އޭގެ ތެރެއިން ދެމީހަކު ހައްޔަރުކޮށް ތިންވަނަ މީހާގެ ފޮޓޯ އާންމުކޮށްފައެވެ. ތިންވަނަ މީހާއަކީ ހަމަލާގެ ވަގުތުގައި އަތަމާ ޕެލެސް ކައިރީގައި ހުރި މީހެކެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާއެވެ.
ފުލުހުން ބުނީ، އެ ދެމީހުންނަކީވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ދެމީހުން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، ތަހުގީގަށް މިހާރު ހޯދަމުން އަންނަ އެންމެ މުހިންމު މީހާއަކީ ހާދިސާގެ ވަގުތުގައި އަތަމާ ޕެލެސް ކައިރީ ހުއްޓިގެން ހުރި މީހާ ކަމަށާއި އެމީހާގެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއްނަމަ ހިއްސާކުރުން އެދޭ ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ހަށިފާރަވެރިންނާއެކު ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އެރުމަށް ދިޔަ މަގުމަތީގައި އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ އައިއީޑީ ހަރުކޮށްފައިވަނީ ރައީސް ނަޝީދުގެ ކާރުކޮޅާއި ކައިރީގައި ޕާކުކޮށްފައި ހުރި ވޭވް ބްރޭންޑްގެ ސައިކެލެއްގައެވެ.
ޚަބަރު
ޚަބަރު