އައިއީޑީއެއް ގޮއްވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން ވަގުތު އަތަމާ ޕެލަސް ކުރިމަތީގައި ހުންނަ މީހެއް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން މިއަދު ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީ ގޮއްވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާންމުކޮށްފައެވެ. އެ ވީޑިއޯގައި ފެނިގެން ދަނީ ރައީސް ނަޝީދު، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެއިން ހަށިފާރަވެރިންނާއެކު ނިކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅާ އަރާ ހަމަވިތަނާހެން ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރެވެ. އަދި އެ ގޮވުމާއެކު ބައެއް ތަކެތި ބުރައިގެންދާ މަންޒަރާއި ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ހުރިކަންވެސް ފެނެއެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ ހަތަރު މީހެއް ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. ފުލުހުން މިއަދު ވަނީ އޭގެ ތެރެއިން ދެމީހަކު ހައްޔަރުކޮށް ތިންވަނަ މީހާގެ ފޮޓޯ އާންމުކޮށްފައެވެ. އެމީހާއަކީ ހަމަލާގެ ވަގުތު އަތަމާ ޕެލަސް ކުރިމަތީގައި ހުރި މީހެކެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާއެވެ.
ފުލުހުން ބުނީ، އަތަމާ ޕެލަސް ކައިރީ ހުރި މީހާއަކީ އެ ހަމަލާގައި އެންމެ އިސްކޮށް އުޅުނު މީހާކަމަށް ޝައްކު ކުރެވޭ ކަމަށާއި އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އޮންލައިން މީޑިއާއަކަށް ވިދާޅުވިގޮތުގައި، އެމީހާ ބޮން ގޮއްވާލީ އަތަމާ ޕެލެސްގައި ހުރެގެން ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެންނެވެ. އަދި އެމީހާގެ ހަރަކާތްތައް ސީސީޓީވީ ފުޓޭޖުތަކުން ފެނިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ޑިވައިސް ގޮއްވާލީ ރިމޯޓެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާ ދީފައި ވަނީ، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގަތް މަޖިދީމަގުގައި އޮތް ކާރަށް އަރައިވަޑައިގަންވަނިކޮށް ކާރު ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އެއްޗެއް ގޮއްވާލައިގެންނެވެ.
ޚަބަރު
ޚަބަރު