ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސައިކަލާ އަރައި ހަމަކުރުމުން ގޮއްވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާންމުކޮށްފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ މައުލޫމާތު ހާމަކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކޮށްފައިވާ ވީޑިއޯގައި ފެނިގެން ދަނީ ރައީސް ނަޝީދު، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެއިން ހަށިފާރަވެރިންނާއެކު ނިކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅާ އަރާ ހަމަވިތަނާހެން ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރެވެ. އަދި އެ ގޮވުމާއެކު ބައެއް ތަކެތި ބުރައިގެންދާ މަންޒަރާއި ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ހުރިކަންވެސް ފެނެއެވެ.

ބުރާސްފަތި ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެ ހާދިސާ ހިނގި އިރު، އެ ސަރަހައްދުގައި ގިނަ ބަޔަކު ތިބިކަން ފުލުހުން އާންމުކުރި ވީޑިއޯއިން ފެނެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުންނަކީ ތަހުގީގަށް ވަރަށް މުހިންމު މައުލޫމާތު ފޯރުކޮށްދެވިދާނެ މީހުންނެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ ހަތަރު މީހެއް ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. ފުލުހުން މިއަދު ވަނީ އޭގެ ތެރެއިން ދެމީހަކު ހައްޔަރުކޮށް ތިންވަނަ މީހާގެ ފޮޓޯ އާންމުކޮށްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާއެވެ.