ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސާޖަރީތަކަށް ފަހު، ފުރަތަމަ ފަހަރަށް މަންމާފުޅާއި ބައްޕާފުޅަށް ގުޅުއްވައި ހާލު އޮޅުންފުލިއްވައިދެއްވައިފިއެވެ.
ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ކައިރީ އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން އަނިޔާވެގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އޭޑީކޭގައި ރައީސް ނަޝީދުގެ ސާޖަރީތައް ހެދުމަށް 16 ގަޑިއިރު ހޭދަވިއެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޝިދާ އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަންމާފުޅާއި ބައްޕާފުޅާ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ "މަ ރަނގަޅޭ" ކަމަށެވެ.
ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ބޮލާއި މެޔާއި ބަނޑާއި އަތާއި ފައިގެ ސާޖަރީތަކެއް ވަނީ ހަދައިފައެވެ.
އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނީ ސާޖަރީތަކަށްފަހު ރައީސް ނަޝީދުގެ ހާލު މިހާރު ރަނގަޅު ކަމަށާއި ނަމަވެސް އަދި ގާތުން ބަލަން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ހަށިގަނޑު ތެރެއަށް ދަގަނޑު އެތިކޮޅުތަކެއް ވަދެގެން ސާޖަރީ ހަދައި ނަގަން ޖެހުނުކަން ވެސް ފާހަގަކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު