ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުރައްކަލުން ސަލާމަތްވެފައި ކަމަށާއި ހާލު އަދި ވަރަށް ގާތުން ބަލަން ޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ކުރުމަށް ކާމިޔާބު ގިނަ ސާޖަރީތަކެއް ވަނީ ކޮށްފައެވެ. އެމަނިކުފާނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، މިހާރު ހާލު ރަނގަޅު ކަމަށް އާއިލާއިންނާއި އޭޑީކޭ ހޮސްޕިޓަލުންވެސް ބުނެއެވެ.

ރައީސް ނަޝީދުގެ އިޒުނަފުޅާއެކު އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދިނުމަށް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ އިންޓާނަލް މެޑިސިން ޑރ. ނަޝީދާ ސައީދު ވިދާޅުވީ، ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކާ ގުޅިގެން 16 ގަޑިއިރު ވަންދެން ކުރި ގިނަ ސާޖަރީތަކަށްފަހު އެމަނިކުފާނު މިވަގުތު އޮންނެވީ ކްރިޓިކަލް ކެއާ ޔުނިޓު (ސީސީޔޫ)ގައި ކަމަށެވެ.

އަދި ޒަހަމްތަކާ ގުޅިގެން ހަށިގަނޑުން ވަރަށް ގިނަ ލޭ ގެއްލި، ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހުމުން ހަށިގަނޑަށް ވަރަށް ބޮޑު ބަދަލުތައް އަންނާނެ ކަމަށާއި އެގޮތުން ސީސީޔޫއަށް ގެނައި އިރުވެސް އެމަނިކުފާނުގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ވިދާޅުވިއެވެ.

"(ކުރިން) ހަށިގަނޑުގެ ބްލަޑް ގޭސް އިއްޔެ ހުރީ ވަރަށް ކްރިޓިކަލް ލެވެލްއެއްގައި. މިހާރު އެބައިވެސް ނޯމަލްވެއްޖެ. ފިނިހޫނުމިން އަދި ބްލަޑް ޕްރެޝަރުވެސް ހުރީ ވަރަށް ކްރިޓިކަލް ހާލަތެއްގައި. ނަމަވެސް ފަރުވާއާއެކު އެ ހުރިހާ ކަމެއްވެސް ސްޓެބިލައިޒް ވެއްޖެ. މިހާރު އެންމެ މޭޖާ ނުރައްކަލުން އަނބުރާ އައިސްފި،" ޑރ. ނަޝީދާ ވިދާޅުވިއެވެ.

ޑރ. ނަޝީދާ އިތުރަށް ވިދާޅުވީ، އެންމެ ބޮޑު ނުރައްކަލުން ސަލާމަތް ވެފައި އޮތް ނަމަވެސް ކުރިއަށް އޮތް މަގު ވަރަށް ދިގު ކަމަށެވެ. އެގޮތުން އިންފެކްޝަނަކީ ވަރަށް ގާތުން ބަލަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

''އިންފެކްޝަނަކީ ވަރަށް ގާތުން ބަލަންޖެހޭ ކަމެއް. މިފަދަ އޮޕަރޭޝަންތައް ކޮށްފައި މިފަދަ އަނިޔާތައް ވެފައި ހުރުމުން ވަރަށް ގާތްވާނެ އިންފެކްޝަންތައް އައުން. އެއާ ގުޅިގެން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަންނަ ގެއްލުން. ފޯކަސް އޮންނާނީ ވަރަށް ގާތުން ބަލައި ފަރުވާ ދިނުން،" ޑރ. ނަޝީދާ ވިދާޅުވިއެވެ.

އޭޑީކޭގެ އެނެސްތޭޝިއާ ޑރ. ދުސޫމާ އަބްދުލް ރައްޒާގު ވިދާޅުވީ، ރައީސް ނަޝީދުގެ ވަރަށް ގިނަ ސާޖަރީތަކެއް ހަދާފައިވުމުންނާއި ހާއްސަކޮށް ފުއްޕާމެޔަށް ގެއްލުންތަކެއް ލިބިފައި ހުރުމުން ސާޖަރީތަކަށްފަހު ފުރަތަމަ ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

ނަމަވެސް މިއަދު ހެނދުނު އަމިއްލަފުޅަށް ނޭވާލާތީ އާއި ނޭވާލުމުގައި އުނދަގުލެއް ނުވާތީ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިން ބްލަޑް ޕްރެޝަރު ހިފަހައްޓަން ދިން ބޭސްތައް ވެސް މިހާރު ހުއްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ.