ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅު ތެރެއަށް އެތިކޮޅުތައް ގޮސް، ގޮހޮރު ފޫއަޅައިގެންދިޔަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ދިން ގޮތާ ބެހޭ މައުލުމާތުދެއްވުމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޑރ. ޝާން ވިދާޅުވީ، އެ ހަމަލާގައި ރައީސް ނަޝީދުގެ ބަނޑުގެ މަސްގަނޑު ފޫއަޅާފައި ބައެއް އެތިކޮޅުތައް ހަށިގަނޑުގެ ތެރެއަށް ވަން ކަމަށެވެ.

އެކަމުގެ ސަބަބުން ބަނޑުތެރެއަށް ގިނަ އަދަދެއްގެ ލޭ ލީކުވުމުގެ ސަބަބުން ބަނޑުގެ މަސްގަނޑު ހުޅުވައިގެން އެ ލޭތައް ނަގަން ޖެހުނު ކަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން އެމަނިކުފާނުގެ ގުނަވަންތަކަށް ލިބުނު ގެއްލުންތައް ބެލުމުގެ ތެރޭގައި، ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނުން ފޫއަޅައި، ރޭޒާ ފުއްތައް ހަށިގަނޑުގެ ތެރެއަށް ވަދެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ފުއްތަކުން ފަލަ ގޮހޮރުން ދެ ތަނެއްގައި ލޯވަޅު އެޅިފައިވާ ކަމަށް ޑރ. ޝާން ވިދާޅުވިއެވެ.

ޑރ. ޝާން ވިދާޅުވީ، ގޮހޮރު ފޫއަޅާފައިވާތީ ހަށިގަނޑުގެ ތެރެއަށް ނަޖިސް ބޭރުވެދާނެ ކަމަށް ބެލެވުނު ނަމަވެސް ބައިވަރު ނަޖިސް ލީކުވެފައިނުވާ ކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ލީކުވެފައިވާތީ އިންފެކްޝަންގެ މައްސަލައެއް ދިމާވެދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ހުރިހާ ކަމެއް މޮނިޓާ ކުރަމުން އަންނަ ކަމަށް ޑޮކްޓަރުންގެ ޓީމުން ބުންޏެވެ.

މި ހަމަލާގައި، ރައީސް ނަޝީދަށް ލިބުނު ގެއްލުމުގެ ތެރޭގައި ފުއްޕާމެއަށް ގެއްލުން ލިބުމުގެ އިތުރުން މައިދާ ފޫއަޅައިގެން ދިއުން ހިމެނެއެވެ. އޭގެ އިތުރުން އަތާއި ފައިގެ ބައެއް ހުޅުތައްވެސް އެތަކެތި ވަނުމުގެ ސަބަބުން ވަނީ ޒަހަމްވެފައެވެ.

މި ހަމަލާގައި އެންމެ ސީރިއަސް އަނިޔާއަކަށް ދިމާވެފައި ވަނީ، ރައީސް ނަޝީދުގެ ހިތާ ދިމާލަށް ފުއްޕާމެއާއެކު ލިބިފައިވާ ގެއްލުން ކަމަށް ޑޮކްޓަރުންގެ ޓީމުން ބުންޏެވެ.