ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހިތް ކައިރިއަށް ތޫނު އެތިކޮޅެއް ދިޔަ ކަމަށާއި އެތެރެއަށް ދިޔަ ނަމަ ނުރައްކާވީސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ކާމިޔާބު ގިނަ ސާޖަރީތަކެއް ވަނީ ކޮށްފައެވެ. އެމަނިކުފާނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެއެވެ.
ރައީސް ނަޝީދުގެ ހުއްދައާއެކު އެމަނިކުފާނަށް ފަރުވާ ދެއްވި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގައި އިސްކޮށް ހުންނެވި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފު ވިދާޅުވީ، ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދިޔަ އިރު، ބައިވަރު ތަންތަން ކަފައިގެން ގޮސް ލޭ އަންނަމުންދިޔަ ކަމަށެވެ. އަދި ލޭ މަނާކުރުމަށްފަހު ސީޓީ ސްކޭން ހެދުމުން އެތެރެއަށް ލިބިފައިވާ ގެއްލުން ދެނެގަނެވުނު ކަމަށް ވިދާޅުވިއެވެ.
އެގޮތުން ފުއްޕާމޭގެ ތެރޭގައި ރޭޒަރު ތިލަކޮޅެއް އިންކަން އެނގިގެން، އެއީ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބަލައި އެންމެ ފުރަތަމަ ސާޖަރީ ހެދީ ފުއްޕާމޭގެ ކަމަށް ވިދާޅުވިއެވެ.
އޭޑީކޭގައި މަސައްކަތް ކުރައްވާ ނޭޕާލުގެ ކާޑިއޯތޮރޭސިކް ޑޮކްޓަރު ކައުޝަލް ވިދާޅުވީ، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ޒަހަމެއް ވެފައިވަނީ ފުއްޕާމެޔަށް ކަމަށެވެ. އެގޮތުން ފުއްޕާމެޔަށް ގާތްގަނޑަކަށް ލީޓަރެއްގެ ދެބައިކުޅަ އެއްބައި ލޭ އެޅިފައި ހުރި ކަމަށް ވިދާޅުވިއެވެ.
"ރޭޒަރު ތިލަކޮޅެއް ފުއްޕާމޭގެ ބޭރުން ވަދެގެން އައިސް ފުއްޕާމެޔަށް ގެއްލުންވެ، އަދި މޭކަށިގަނޑަށްވެސް ގެއްލުންވި. އަދި އޭތިކޮޅު ގޮސް އިނީ ހިތާ އެއް ސެންޓިމީޓަރަށްވުރެ ވެސް ކައިރީގައި. އެއީ ވަރަށް ނުރައްކާތެރި ތިލަކޮޅެއް. އޭތި އިނީ ހިތާ ވަރަށް ކައިރީގައި. ހިތަކަށް ނުއެއް ވަދޭ. ހިތުގެ ބޭރުގައި ހުރި ޓިޝޫތަކުގައި ތިލަ ޖެހިފައި ހުރި،" ކައުޝަލް ވިދާޅުވިއެވެ.
އޭޑީކޭގެ ކާޑިއޯވަސްކިއުލާ އަދި ތޮރޭސިކް ސާޖަން ޑރ. މުހައްމަދު ޝާފިއު ވިދާޅުވީ، ރޭޒަރު ތިލަކޮޅުން ގޮސްފައި އިނީ ފުއްޕާމޭ ފޫޅަޅުވާލާފައި، ވަރަށް ނުރައްކާތެރި ގޮތަކަށް ކަމަށެވެ. އެހެންކަމުން ފުއްޕާމެއިން ބަބުލް ލީކުވާ ތަންތަނުގައި ޕެޗު އަޅައި ބައްދަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
"(އެއް ތިލަކޮޅު) އިނީ ހަތަރު ވަނަ ރިބުގަ ޖެހިފަ ފުނޑިފަ. އެ ރިބުގެ އެއް ސެންޓިމީޓަރު ތިރިއަށް ޖެހުނު ނަމަވެސް އެ އެއްޗަކީ ހިތަށް އަރާނެ ކަހަލަ، ވަރަށް ނުރައްކާތެރި ގޮތަކަށް އިން އެއްޗެއް. ރިބު ފުނޑިގެން ގޮސް އޭގެ ވަރަށް ބައިވަރު ކުނޑިތައް ލަންގަށްވެސް ހެރިފައި ހުރި،" ރާއްޖޭގެ ފުރަތަމަ ކާޑިއޯވަސްކިއުލާ ޑޮކްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު