ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާ ތަކާ ގުޅިގެން މުޅި ގައުމަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މި ސިހުމާއެކު ކަންބޮޑުވުންތަކަކާއި ސުވާލުތަކެއް ވެސް ވަނީ އުފެދިފައެވެ. އެންމެ ބޮޑު ސުވާލެއް އުފެދިފައި ވަނީ އެ ހަމަލާއާ ބެހޭ އިންޓެލިޖެސް މައުލޫމާތާ މެދުގައެވެ.
މި މައްސަލައާ ގުޅިގެން ސަލާމަތީ ބާރުތަކުން ބޭއްވި ނިއުސްކޮންފަރެންސް ތަކުގައި ނޫސްވެރިންގެ އެންމެ ގިނަ ސުވާލުތަކެއް ވެސް އަމާޒުވީ އެ މައްސަލައަށެވެ. ނަމަވެސް އެ ވަރު ހައިރިސްކު ސެކިއުރިޓީއެއް ހަމަޖައްސާފައިވާ ބޭފުޅަކަށް އެވަރުގެ ނުރައްކާތެރި ހަމަލާއެއް އަމާޒުވެފައި ވާއިރު، އެއްވެސް ފަރާތަކުން އެކަމުގެ އިންޓެލިޖެންސް މައުލޫމާތާ ބެހޭ ގޮތުން ސާފުކޮށް ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ ސެކިއުޓީ ބަލަހައްޓަނީ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިންނެވެ.
އެމެއެންޑީއެފުން ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ، ރައީސް ނަޝީދަކީ އެންމެ ހައި ރިސްކުގައި ހިމެނިވަޑައިގަންނަވަ ބޭފުޅެއް ކަމަށެވެ. މާނައަކީ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން ހުރި އެންމެ މާތީ މިންވަރެއްގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ޖެހޭނެ ކަމެވެ.
ޝަމާލް ވިދާޅުވީ، ހައިރިސްކު ބޭފުޅެއްކަމުން ރައީސް ނަޝީދަށް ހުރި ތުރެޓްތަކާ ބެހޭ މައުލޫމާތު އަބަދުމެ ކަހަލަ ގޮތަކަށް ލިބޭ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަންވެސް ޝަމާލް ފާހަގަ ކުރެއްވިއެވެ.
"އެބޭފުޅާއަށް ހުރި ތުރެޓްތަކާ ބެހޭ މައުލޫމާތު އަޅުގަނޑުމެންނަށް އަބަދުމެ ކަހަލަ ގޮތަކަށް ލިބޭ، އަދި ލިބިގެން އެކަމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ވެސް ހަގީގަތުގައި އެޅެމުންދަނީ، އެންމެ ފުރަތަކަ ކަމަކަށް ވެސް ސެކިއުރިޓީ އެންހޭޝްމެންޓް ޕްލޭނެއްގެ ތެރެއިން އެ ބޭފުޅާގެ ސެކިއުރިޓީ އެންހޭޝް ކުރިއަށްދަނީ، އާއްމު ގޮތެއްގައި ކުރީގެ ރައީސެއް އަދިވެސް ދައުލަތުގެ އެހެން ބާރެއްގެ އިސް ވެރިއަކަށް މިދެންނެވީ މިސާލަކަށް ޗީފް ޖަސްޓިސް ކަހަލަ ބޭފުޅަކަށް މި ބޭފުޅުންނަށް މި އަރުވާ ސެކިއުރިޓީއަށްވުރެ އެތައް ދަރަޖައެއް މަތީ ފަންތީގެ ސެކިއުރިިޓީއެއް އަޅުގަނޑުމެން ރައީސް ނަޝީދަށް ފޯރު ކޮށްދެން،" ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަކަން ހާމަ ކުރައްވަމުން ޝަމާލު ވިދާޅުވިއެވެ.
އޭގެ އިތުރުން ޝަމާލް ވިދާޅުވީ، އެމަނިކުފާނުގެ ސެކިއުރިޓީ ހަރަކާތްތެރި ވަނީ ހަނގުރާމަވެރި ހަތިޔާރާ އެކުގައި ކަމަށެވެ. ރައީސް ނަޝީދުގެ ގެ ކޮޅުގައިވެސް 24 ގަޑިއިރު ސެކިއުރިޓީ ގާއިމު ކޮށް، ބަލަމުން ގެންދެވޭ ނިޒާމެއް ގާއިމް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަޑައިގަންނަވާ ތަނަކަށް ސެކިއުރީޓީ ޓީމުތައް ގޮސް ގޮވާ އެއްޗެއް ބާއްވަފާނެ ކަމަށް ލަފާ ކުރެވޭ ތަންތައް އެޑްވާންސްކޮށް ބަލައި ޗެކް ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މިކަންތައްތަކުން ރައީސް ނަޝީދަށް ދީފައިވާ ސެކިއުރިޓީގެ ވަރުގަދަކަން ހާމަވެގެން ދެއެވެ.
ދެން އޮތީ އިންޓެލިޖެންސް މައުލޫމާތުގެ ވާހަކައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ބެހޭ މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ ހަމަލާއާ ގުޅޭ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ކުރީން ލިބިފައި ނުވާ ކަމަށެވެ. އެ މައުލޫމާތު ލިބިފައި ނުވާ މައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ކަންބޮޑުވުން ވެސް ފާޅު ކުރައްވައިފައެވެ. އަދި އެއީ ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.
ގައުމުގެ ދެވަނައަށް އެންމެ އިސް ވެރިޔާއަށް މިފަދަ ޓެރަރިޒަމް ހަމަލާއެއް ދިން އިރު ފުލުހުންގެ އިންޓެލިޖެންސަށް އެ މައުލޫމާތު ލިބިފައި ނުވާތީ، އިންޓެލިޖެންސްގެ މަސައްކަތް ވަނީ ހުއްޓިފައިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ސީޕީ ހަމީދު ވިދާޅުވީ، އިންޓެލިޖެންސް މަސައްކަތްތައް ނުހުއްޓޭ ކަމަށާއި އެއީ ހުއްޓޭނެ މަސައްކަތްތަކެއް ވެސް ނޫން ކަމަށެވެ. އަދި އެެއީ ކޮންމެ ދުވަހަކު ހިނގާ މަސައްކަތްތަކެއް ކަަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ފުލުހުންގެ ހިދުމަތަށް ލިބިފައި ނުވާ ކަމަށާއި، އަދި އެ ހަމަލާއާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށާއި ކަމާބެހޭ ފަރާތްތަކުން އެކަން ތަހުގީގު ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"މި ހަމަލާއާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތު ފުލުހުންގެ ހިދުމަތަކަށް ލިބިފައެއް ނެތް، ދެން އިންޓެލިޖެންސް މައުލޫމާތު ނުލިބުނީ ކީއްވެގެންތޯ، އާއި ނުހޯދުނީ ކީއްވެގެންތޯ އާއި އެކަންތައްތައް ނުހިނގަނީ ކީއްވެގެންތޯ އާއި އެ ޕޯސްޓްމޯޓަމް ހައްދަވަން ޖެހޭ، އެ ފަރާތަކުން ދިވެހި ދައުލަތުގެ ތެރޭގައި ހައްދަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ހަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް ފެއިލްވެފައިވާ ކަން ދެނެގަނެވޭނީވެސް އެކަމާބެހޭ ތަހުގީގެއް ކޮށްގެން ކަމަށެވެ. އަދި އެފަދަ ތަހުގީގަކަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ގައުމީ ދިފާއީ ބާރުގެ ވާހަކާގައި ތަފާތުކަމެއް ފެނެއެވެ.
ރޭގެ ނިއުސް ކޮންފަރެންސްގައި ރާއްޖޭންނާއި އެކުވެރި ގައުމުތައް މެދުވެރިކޮށް، މެދުކެނޑުމެއްނެތި އިންޓެލިޖެންސް މައުލޫމާތު ލިބޭކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވި ނަމަވެސް އެ ހަމަލާއާ ގުޅޭގޮތުން އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ލިބިފައިވާ ކަމަށް ޝަމާލް ވިދާޅެއް ނުވެއެވެ.
ނަމަވެސް ރޭގެ ނިއުސްކޮންފަރެންސްގައި ޝަމާލް އެއްކަމެއް ފާހަގަ ކުރެއްވިއެވެ. އެއީ ނީލޯފަރު ހިނގުމުގައި އެމަގުގައި ސައިކަލް ޕާކު ކުރުމާބެހޭ ވާހަކަ މީގެ ކުރިންވެސް ދައްކާފައިވާ ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާދިނީ، ނީލޯފަރު ހިނގުމުގައި ޕާކު ކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައިވާ އީއީޑީއެއް ގޮއްވާލައިގެންނެވެ.
"ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކު ކޮށްފައި ހުންނާތީ، ސެކިއުރިޓީ ކަންބޮޑުވުމަކަށް ވެގެން އެ ސައިކަލުތައް ނަގައިދޭން އެދި އެ މަސައްކަތްވެސް ކޮށްފަ އެ އޮތީ،" ކަމަށް ޝަމާލް ވިދާޅުވިއެވެ.
ޝަމާލް އެހެން ވިދާޅުވުމުގެ ކުރިންވެސް ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކު ނުކުރެވޭ ގޮތް ހަދައިދިނުމަށް އެމްއެންޑީފުން އެދިފައިވާ ކަން ވަނި ހާމަ ވެފައެވެ.
މިދިއަ މާޗު މަހުގެ 23 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކު ކުރާތީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ދަތިވާ ކަމަށް އެމްއެންޑީއެފުން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
"ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގަކީ ހަނި ގޯޅިއަކަށް ވެފައި އަދި އެ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ވަނީ މި އިދާރާއަށް އަންގަވާފަ އެވެ." ސިޓީ ކައުންސިލުން ހައުސިންގް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ. ސިޓީގައި ބުނެފައި ވަނީ އެހެންވެ އެމަގަކީ ސައިކަލު ޕާކު ނުކުރެވޭ މަގަކަށް ހެދުމަށް އެމްއެންޑީއެފުން އެދޭ ކަމަށެވެ.
އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ޕާކު ކުރުމަށް ބިއްލޫރިޖެހިގެއިން ޕާކިން ޒޯނެއް ހަދަން ފެންނަ ކަމަށާއި އެހެންވެ އެކަމުގެ ހުއްދަ ދެއްވުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. އެ ސިޓީ ފޮނުވާފައި ވަނީ އަވަސް ސިޓީއެއްގެ ގޮތުގަ އެވެ.
ނަމަވެސް އަދި އަދަށް ދާންދެން ވެސް އެކަން އޮތީ ހަމަ ނުޖެހިއެވެ. އެހެންކަމުން އެ ހަމަލާގެ އިންޓެލިޖެންސް މައުލޫމާތަށް ވީގޮތާއި، ނީލޯފަރު ހިނގުން ހުސްކުރަން މާކުރިން އެންގުމާއި، އެހާދިސާ ހިނގުމާ ހަމައަށްވެސް އެކަން ނުވެ އޮތީ ކީއްވެގެންތޯ މިއީ ހައްތަހާވެސް ސުވާލު އުފެދޭ ކަންކަމެވެ!
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް