ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެ އޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުންނެވެ. އެ އޮޕަރޭޝަންގެ ތެރެއިން ފުލުހުން އަންނަނީ މާލޭ އެކި ތަންތަން ބަލައި ފާސްކުރަމުންނެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުން އެ އޮޕަރޭޝަނަކީ ހެކި ހޯދުމަށާއި، ތަހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ އެ އޮޕަރޭޝަނުގައި މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ތަންތަން ވެސް އަންނަނީ ބަލައި ފާސްކުރަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ކައިރީ އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގަށް މިއަދު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ޓީމެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ، ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު