ޗައިނާގެ ވެކްސިން، ސިނޯފާމް ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ދިނުން މުހިންމު ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުރު ވެކްސިނެއް ނެތް ތަނެއްގައި ސިނޮފާމް ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ޖަހަން ހުއްދަ ދިނުން މުހިންމު ކަމަށެވެ.
ފައިސަލް މިގޮތަށް ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިންގެ އަދަދު މަދުވުމުން އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ދިނުން މެދުކަނޑާލައިފައި ވާތީއެވެ.
ރާއްޖޭގައި މިހާރު ހުރީ ކޮވިޝީލްޑްގެ 1،700 ޑޯޒް ކަމަށާއި އެހެންކަމުން އެންމެންނަށް ވެކްސިން ދެވޭނީ އިތުރު ސްޓޮކެއް ލިބިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ހައެއްކަ ދުވަސް ކުރީން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ އިން އުފައްދާ ކޮވިޑް ވެކްސިންގެ 700،000 ޑޯޒް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހެލްތު މިނިސްޓަރީން މީގެ ކުރިން ބުނީ، އެ 700،000 ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.
ރާއްޖޭގައި މިހާރު އަންނަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުންނެވެ. އަދި ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ވެފައިވާ ފަރާތްތަކުން އަންނަނީ ދެ ވަނަ ޑޯޒްވެސް ޖަހަމުންނެވެ. ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ދޭން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.
ސިނޯފާމް ވެކްސިން 18 އަހަރުން މަތީގެ މީހުންނަށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ވަނީ ހުއްދަ ދީފައެވެ. އަދި 60 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ދިނުން ރަނގަޅު ކަމަށް ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު