މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުން އަތުލަން އެންމެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން މީގެ ކުރިން ކުރައްވާފައިވާ އަދި މިހާރުވެސް މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅަކަށް އަމާޒުކޮށްގެން މިފަދަ ހަމަލާއެއް ދިނުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުރި ނުރައްކަލެއް ކަމަށެވެ. އެހެންކަމުން މިއީ ސިފައިންނާއި ފުލުހުންނެކޭ އެއްފަދައިން އާންމު ރައްޔިތުންވެސް ހަމަލާ ދިން މީހުން ހޯދަން ތެދުވަންޖެހޭ ވަގުތު ކަމަށް ވިދާޅުވިއެވެ.

"މިއީ ރާއްޖޭގައި ހިނގައިގެންވާނެ ކަމެއް ނޫން. މިއީ ހަމައެކަނި ހަމަލާ އަމާޒުވި މީހާއަށް ހުރި ބިރެއް ނޫން. މިއީ މުޅި ގައުމަށް ހުރިހާ ރައްޔިތުންނަށް އޮތް ބިރެއް. ހުރިހާ ރައްޔިތުން ނުރައްކަލަށް ހުށަހެޅޭ ވަރުގެ ހަމަލާއެއް. އެހެންވީމަ މިކަމުގެ އެންމެން ތެދުވަންވީ ވަގުތު މިއީ." މިނިސްޓަރު ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރައީސް ނަޝިދަށް އެވަރުގެ ކަމެއް ދިމާވުމުން އެނގެނީ މި ރާއްޖޭގައި ސެކިއުރިޓީ ހާލަތާމެދު އެންމެން ވިސްނަން ޖެހޭނެކަން ކަމަށެވެ. ނަމަވެސް މިފަދަ ކޮންމެ ކަމަކަށް ދިވެހި ފުލުހުންނާއި ސިފައިން ތައްޔާރީ ހާލަތުގައި އަބަދުވެސް ތިބޭނެ ކަމަށާއި މިކަމުގެ އަޑިގައި ހިމެނޭ ބަޔަކާވެސް ޔުނީފޯމު އެޅި ސިފައިން އަރާ ހަމަކުރާނެ ކަމަށް ވިދާޅުވިއެވެ.