އޭއެފްސީ ކަޕުގެ ގުރޫޕު ޑީއަށް ކޮލިފައިވުމަށް ކުޅޭ ފައިނަލް ކޮލިފިކޭޝަން މެޗުގައި ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އަތުވެއްޖެއެވެ.

މިމަހުގެ 11 ވަނަ ދުވަހު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ އެ މެޗަށް ބެންގަލޫރު އެފްސީ މާލެ އައިސްފައި ވަނީ ސިއްހީ ސަލާމަތްތެރިކަން ޔަގީން ކޮށްގެންނެވެ. އޭއެފްސީ ޕްރޮޓޮކޯލްގެ ދަށުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ބެންގަލޫރު އެފްސީ ޓީމު އެއާޕޯޓަށް އައިސްފައި ވަނީ ޕީޕީއީ ކިޓުގައެވެ. އަދި އެ ކްލަބުގެ ހުރިހާ ސްޓާފުންނާއި ކުޅުންތެރިންގެ ލަގެޖްތައްވެސް ވަނީ ރައްކާތެރިކަމާއެކު ޑިސްއިންފެކްޓްކޮށްފައެވެ.

ބެންގަލޫރު އެފްސީ މާލޭގެ ހޮޓަލެއްގައި ކޭމްޕު ކުރާ އިރު، އިއްޔެ އެފްއޭއެމުން ބުނެފައި ވަނީ މެޗު ކުޅުމަށް ދެޓީމުގެ އިތުރުން ހުރިހާ ކަމެއްގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭނީ "ބަޔޯ ސެކުއާ ބަބުލް" އެއްގެ ތެރޭގައި ކަމަށެވެ.

އިންޑިއާގެ ލީގު ނިމުމަށްފަހުވެސް ދެ މަސް ދުވަސް ވަންދެން ބެންގަލޫރު އެފްސީން އެކަހެރިކޮށް ހޮޓެލް ކަރަންޓީނުގައި ތިބި އިރު، އެޓީމުން ބަޔޯ ސެކުއާ ބަބުލްއިން ބޭރުނުވެ ތިބޭތާ ވަނީ އަށް މަސް ވެފައެވެ. އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ބެންގަލޫރު އެފްސީ މާލެ އަންނާތީ އެކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންވެސް ފާޅު ކޮށްފައެވެ. ނަމަވެސް އެފްއޭއެމްގެ އިތުރުން ޔޫތު މިނިސްޓްރީން ބުނެފައި ވަނީ އޭއެފްސީ ކަޕުގެ މެޗުތައް ކުޅެވޭނީ ފުރިހަމަ ރައްކާތެރިކަމާ އެކުގައި ކަމަށެވެ.

ރާއްޖޭގައި ހޯސްޓް ކުރާ އޭއެފްސީ ގުރޫޕު ޑީގެ މެޗުތަކުގެ އިތުރުން ކޮލިފިކޭޝަން މެޗަށްވެސް ސަރުކާރާއި އެޗްޕީއޭއިން ހާއްސަ ހުއްދައެއް ދީފައިވާ އިރު، އެ މެޗުތަކާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ މެޗުތައް ފަހަށް ތާވަލު ކުރުމަށް އޭއެފްސީއާ މަޝްވަރާވެސް ކޮށްފައެވެ. ނަމަވެސް އޭއެފްސީން ލަފާ ދިނީ ބަބުލް ސިސްޓަމަށް ޓީމުތައް އެކަހެރިކޮށް، ޓީމުތަކަށް ހިދުމަތް ދޭ ފަރާތްތައްވެސް އެކަހެރި ކޮށްގެން މެޗުތައް ކަނޑައެޅިފައިވާ ތާރީހުގައި ކުރިއަށް ގެންދިއުމަށެވެ.

މިހާރު ދުނިޔޭގައި ކުރިއަށް ގެންދާ ބޮޑެތި ހުރިހާ ކުޅިވަރު މުބާރާތްތަކެއްވެސް "ބަޔޯ ސެކުއާ ބަބުލް" އެއްގެ ތެރެއިން ކުރިއަށް ގެންދާ އިރު، އެ ބަބުލްގެ ބޭނުމަކީ މުބާރާތުގެ ކަންކަން ކުރާ އެންމެހައި ފަރާތްތަކެއް މުޖުތަމައުގެ ކޮންޓެކްޓްތަކުން 100 ޕަސެންޓް އެކަހެރި ކުރުމެވެ. އެހެންކަމުން މުބާރާތް އެއްކޮށް ނިމެންދެން މުބާރާތުގެ ހުރިހާ ކަމެއްގައި އުޅޭ ހުރިހާ އެންމެން ވަކިން އެކަހެރިވާން މަޖުބޫރު ވާނެއެވެ.

މިހާތަނަށް ގުރޫޕު ސްޓޭޖު ޔަގީންވެފައިވާ ޓީމުތަކަކީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ. ގުރޫޕުގެ ފަހު ޖާގަ ޔަގީން ވާނީ އީގަލްސް އާއި ބެންގަލޫރު އެފްސީ މެޗަށްފަހުއެވެ.

ގުރޫޕު ޑީގެ މެޗުތައް ކުރިއަށްދާނީ މިމަހު 14 އިން 21 އަށް މާލޭގައެވެ.