ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ކްރިޓިކަލް ކަމަށް އެމަނިކުފާނަށް ފަރުވާ ދެއްވަމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން ދެ ސާޖަރީއެއް ހެދި ކަމަށް ރިޕޯޓުތައް ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ހެނދުނު ބުނީ، ރޭގެ ހަމަލާއަށް ފަހު ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދެވުނު ފަހުން ކާމިޔާބު ކަމާއެކު ގިނަ ސާޖަރީތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މުހިންމު އެއް ސާޖަރީ އަދި ހަދަންޖެހޭ ކަމަށް ބުންޏެވެ.

އެފަހުން އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން އާއިލާއިން ބުނީ، އެ ސާޖަރީވެސް މިއަދު ހަދައި ނިމިފައިވާ ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށް ބުންޏެވެ.

ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ފަހުން ކުރި ޓުވީޓެއްގައި ބުނީ، ރައީސް ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަން ޖެހުނު ކްރިޓިކަލް އަދި ފަހު ސާޖަރީ ކާމިޔާބު ކަަމަށެވެ. އަދި އެމަނިކުފާނުގެ އާއިލާގެ އެދިވަޑައިގަތުމަށް، ރައީސް ނަޝީދުގެ ހާލުކޮޅާއި ދިން ފަރުވާތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ފަހުގެ ވަގުތެއްގައި ދޭނެ ކަމަށް ބުންޏެވެ.

"ރައީސް ނަޝީދުގެ ބޮލަށާއި މެޔަށާއި ބަނޑަށް އަދި އަތަށް ލިބިފައިވާ ޒަހަމްތަކާ ގުޅިގެން މިދިޔަ 16 ގަޑިއިރުގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމަށް ސާޖަރީތަކެއް ކުރިން. އެމަނިކުފާނުގެ ހާލު ކްރިޓިކަލް. އަދި ފަރުވާ ދެމުންދަނީ އައިސީޔޫގައި،“ އޭޑީކޭ އިން ބުންޏެވެ.