ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ގޮއްވާލީ މިލިޓަރީ ފެންވަރުގެ އެއްޗެއް ކަމަކަށް ނުބެލެވޭ ކަމަށް އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން އެ ހަމަލާއާ ގުޅިގެން މިއަދު މެންދުރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީޕީ ރިޔާޒު ވިދާޅުވީ، އެއީ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އެއްޗެއް ކަމަށާއި އަދި އޭގައި ގެއްލުން ދޭ ޒާތުގެ އާލާތްތައް އެކުލެވިގެންވާ ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެނަށް އެސިސްމެންޓް ހެދުނު އިރުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ގޮވި އެތީގެ ކޮމްޕޯނަންޓުތަކާއި އޭގެ އިމްޕެކްޓާއި މިކަންކަމަށް ބަލާ އިރުގައި އަދި މިހާތަނަށް އަޅުގަނޑަކަށް ނުބެލެވޭ މިލިޓަރީ ގުރޭޑުގެ އެކްސްޕްލޯސިވްތަކެއް ބޭނުންކޮށްފައި ހުރި ކަމަކަށް،" ރިޔާޒު ވިދާޅުވިއެވެ.
ނަމަވެސް އެ ބާވަތުގެ އެއްޗެއްގައި އާންމުކޮށް ބޭނުން ކުރާ އަދި މީހުންނަށް ބޮޑެތި ގެއްލުން ދިނުމަށް ބޭނުން ކުރާނެ ކަހަލަ އާލާތްތައް އޭގައި ބޭނުންކޮށްފައި ހުރިކަން ރިޔާޒު ފާހަގަކުރެއްވިއެވެ.
މިއީ އެ ހަމަލާގެ 'ގޯލްޑަން އަވާސް' ކަން ފާހަގަކުރައްވައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ހަތަރު މީހެއްގެ ފަރާތުން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލު ދެވެން ނެތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު