ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދިން ހަމަލާގެ މައުލޫމާތު އެނގޭ ފަރާތްތަކުން އެކަން ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީގައި ރޭ ހިނގި މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް ވަނީ އަނިޔާވެފައެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނީލޯފާރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރޭ ދިން ހަމަލާ ތަހުގީގީ ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމުގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަޖުރިބާކާރު ދެ ބޭފުޅަކު މާދަމާ ރާއްޖެ އައުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިބި އިނގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅުންގެ އެހީތެރިކަންވެސް ތަހުގީގަށް ލިބެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް، އެ ހަމަލާ ތަހުގީގުކުރަމުން އަންނަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސްކަމެއް ފާހަގަކުރެވިފައި ވާނަމަ، އެކަމުގެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން 9704000 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އެގޮތަށް ހިއްސާ ކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާތަނަށްވެސް ދެ ސާޖަރީއެއް ހަދާފައިވާ ކަމަށް ރިޕޯޓުތައް ލިބެއެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމަނިކުފާނު މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މި ހާދިސާގައި ރައީސް ނަޝީދުގެ ތިން ސެކިއުރިޓީންވެސް ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު