ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދިން ހަމަލާ ތަހުގީގުކުރަމުން އަންނަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީގައި ރޭ ހިނގި މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް ވަނީ އަނިޔާވެފައެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނީލޯފާރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރޭ ދިން ހަމަލާގައި އެންމެ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ހަމަލާގެ ތަހުގީގަށް ތަހުގީގީ ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ތަހުގީގަށް އެހީތެރިވުމަށް، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަޖުރިބާކާރު ދެ ބޭފުޅަކު މާދަމާ ރާއްޖެ އައުމަށް ހަމަޖައްސާފައިވާ ކަމަށާއި ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިބި އިނގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅުންގެ އެހީތެރިކަންވެސް ތަހުގީގަށް ލިބެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް، އެ ހަމަލާ ތަހުގީގުކުރަމުން އަންނަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސްކަމެއް ފާހަގަކުރެވިފައި ވާނަމަ، އެކަމުގެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން 9704000 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެގޮތަށް ހިއްސާ ކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާތަނަށްވެސް ދެ ސާޖަރީއެއް ހަދާފައިވާ ކަމަށް ރިޕޯޓުތައް ލިބެއެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމަނިކުފާނު މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މި ހާދިސާގައި ރައީސް ނަޝީދުގެ ތިން ސެކިއުރިޓީންވެސް ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު