ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކާމިޔާބު ގިނަ ސާޖަރީތަކެއް ކުރެވިއްޖެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރޭގެ ހަމަލާއަށް ފަހު ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދެވުނު ފަހުން މިހާތަނަށް ކާމިޔާބު ކަމާއެކު ގިނަ ސާޖަރީތަކެއް ކުރެވިފައިވާ ކަމަށާއި މުހިންމު އެއް ސާޖަރީ އަދި ހަދަންޖެހޭ ކަމަށެވެ.

ނަމަވެސް ކުރެވުނު ސާޖަރީތަކުގެ ތަފުސީލެއް ހޮސްޕިޓަލުން އަދި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުންވެސް ހާމައެއް ނުކުރެއެވެ.

ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާތަނަށް ވެސް ދެ ސާޖަރީއެއް ހަދާފައިވާ ކަމަށް ރިޕޯޓުތައް ލިބެއެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ލިބެ އެވެ.

ޓެރަރިޒަމްގެ މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ޓަކައި، ކަމާ ބެހޭ ބޭރުގެ މާހިރުން މާދަމާ ރާއްޖެ އަންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ.