ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 81 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ބިދޭސީއެކެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.
މިއީ މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑުގައި ރާއްޖެއިން މަރުވި ހަތްވަނަ މީހާއެވެ.
އެގޮތުން ރޭ ދަންވަރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ އިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މިއަދު މަރުވެފައެވެ.
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި އޮތް 88 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު މަރުވެފައިވާ އިރު، މިރޭ ވަނީ އެރަށުން 97 އަހަރުގެ އަންހެނަކުވެސް މަރުވެފައެވެ. އޭގެ އިތުރުން ރަސްދޫގައި ކޮވިޑު ޖެހިގެން ކަރަންޓީނުގައި ހުރި އިންޑިއާ ރައްޔިތަކުވެސް މިއަދު ކުއްލި ގޮތަކަށް މަރުވެފައިވާ އިރު، މިރޭ ވަނީ އައިޖީއެމްއެޗް އީއާރްއަށް ގެންދިޔަ އުމުރުން ދުވަސްވީ އަންހެނަކުވެސް މަރުވެފައެވެ.
މި ހަތް މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 70 ދިވެހިންނާއި 11 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު