ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 80 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީއަށް މިރޭ ގެންދިޔަ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭނާ މަރުވި ފަހުން ކޮވިޑަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.
މިއީ މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑުގައި ރާއްޖެއިން މަރުވި ހަ ވަނަ މީހާއެވެ.
އެގޮތުން ރޭ ދަންވަރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ އިރު، ނައިފަރުން މިރޭ މަރުވީ 97 އަހަރުގެ އަންހެނަކުވެސް މަރުވެފައެވެ. އަދި އެރަށުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި އޮތް 88 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ކޮވިޑު ބަލީގައި މިއަދު މަރުވެފައެވެ. އޭގެ އިތުރުން ރަސްދޫގައި ކޮވިޑު ޖެހިގެން ކަރަންޓީނުގައި ހުރި އިންޑިއާ ރައްޔިތަކުވެސް މިއަދު ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މިއަދު މަރުވެފައެވެ.
މި ހަ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 70 ދިވެހިންނާއި 10 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ހަތް މީހަކާއި ފިލިޕީންސް މީހެއް އަދި އިންޑިއާ ދެ މީހެކެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު