ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ތަހުގީގުކުރަން އޮސްޓްރޭލިއަން ފެޑަރަލް ޕޮލިހުގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީގައި ހިނގި މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް ވަނީ އަނިޔާވެފައެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ ހަމަލާގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ހަމަލާގެ މައްސަލަ ތަހުގީގުކުރުމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީވެސް ހޯއްދަވާނެ ކަމަށެވެ.

"މި ހަމަލާއާ ގުޅިގެން ފުލުހުންނާއި ގައުމީ ދިފާއީ ބާރުން މިކަން މިހާރު އަންނަނީ ތަހުގީގު ކުރަމުން. މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މި އަންނަނީ ހޯދަމުން. މިގޮތުން އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް، މި ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ފަރުވާދެމުން އަންނަ އިރު، އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ރައީސް ސޯލިހު މިރޭ ވިދާޅުވީ، ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރިއަށްދާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި އޭޑީކޭ ސަރަހައްދުގެ އިތުރުން ކެނެރީގޭ ސަރަހައްދުވެސް ބަންދުކޮށް ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.