ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއާއި އިގުތިސޯދަށް ދިން ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީގައި ހިނގި މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް ވަނީ އަނިޔާވެފައެވެ.
އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެ ހަމަލާއަކީ ރާއްޖޭގެ އިގުތިސޯދާއި ޑިމޮކްރަސީއަށް ދެވުނު ހަމަލާއެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
"މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި އިގުތިސޯދަށްވެސް ދިން ހަމަލާއެއް. މިފަދަ ހަމަލާތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް މާތްﷲގެ ވާގިފުޅާއެކު ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް އަންގަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ހަމަލާގެ މައްސަލަ ތަހުގީގަށް އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ފަރުވާދެމުން އަންނަ އިރު، އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ރައީސް ސޯލިހު މިރޭ ވިދާޅުވީ، ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރިއަށްދާ ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި އޭޑީކޭ ސަރަހައްދުގެ އިތުރުން ކެނެރީގޭ ސަރަހައްދުވެސް ބަންދުކޮށް ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން މާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން އަންނަނީ ފޯރިމަރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު