ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު މިރޭ ޓީވީތައް މެދުވެރިކޮށް ގައުމާ މުހާތަބުކުރައްވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވަން ނިންމަވާފައި މިވަނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ކާރަށް އަރާވަޑައިގަންނަވަނިކޮށް، ހަމާލާއެއް ދީފައިވަނިކޮށެވެ. ރައީސް މިރޭ ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއްވެސް ބާއްވައިފައެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީ އެއްޗެއް ގޮއްވާލައި ދިން ހަމަލާއެއްގައި ރައީސް ނަޝީދަށް އަނިޔާތަކެއްވެ، އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. މި ހާދިސާގައި އެމަނިކުފާނުގެ ބޮޑީގާޑުންނަށްވެސް އަނިޔާވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން މިރޭ ބުނީ އަނިޔާތަކަކާއެކު ރައީސް ނަޝީދު އެ ހޮސްޕިޓަލަށް ގެނައީ މިރޭ 8:30 ގައި ކަމަށެވެ. އަދި އެމަނިކުފާނަށް މިވަގުތު ފަރުވާދެމުން އަންނަނީ މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުން ކަމަށާއި ލިބިވަޑައިގެން ޒަހަމްތަކާ ގުޅިގެން އިތުރު ސާޖަރީތަކެއް ހަދަން ޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު