ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހުރި އެމްޑީޕީގެ އިސް އޮފިޝަލަކު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިއަކަށް ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް ނޫން ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާގެ މާބޮޑު ތަފުސީލެއް އަދި ނުލިބެއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ އެއް ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީގައި ހިނގި މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑަކަށާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް އަނިޔާވެގެން އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.

އޭޑީކޭ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ ބުނީ އެ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކޮށް، ހޮސްޕިޓަލަށް ވަނުންވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ އަބްދުﷲ ޝަމާލުގެ އިތުރުން ދެ މުއައްސަސާގެ އިސްވެރިން އޭޑީކޭގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.

އޭޑީކޭ ސަރަހައްދުގެ އިތުރުން ކެނެރީގޭ ސަރަހައްދުވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.