ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިސްތިއުނާފު ކޮމިޓީގެ ރައީސަކަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް މުހައްމަދު ސޯދިގު އިންތިހާބުކޮށްފިއެވެ.
ދާދިފަހުން އަމަލު ކުރަން ފަށާފައިވާ ފުލުހުންގެ އާ ގާނޫނު ބުނާ ގޮތުން އިސްތިއުނާފު ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ލިބޭނީ ހޯމް މިނިސްޓަރަށެވެ. އެހެންކަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ހަފުތާގައި ވަނީ އިސްތިއުނާފު ކޮމިޓީއަށް ފަސް މެންބަރުން އައްޔަން ކުރައްވާފައެވެ.
އެގޮތުން އިސްތިއުނާފު ކޮމިޓީއަށް އައްޔަން ކުރެއްވި ފަސް މެންބަރުންނަކީ، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް މުހައްމަދު ސޯދިގު، އަޒްމީން ރަޝީދު، ޗަނބޭލީވިލާ / ގދ. ރަތަފަންދޫ، ފާތިމަތު ލީނާ، މ. ސަލްޖަމްގެ، މިންނާ ނާފިޒް، މ. ލިލީސްގެ އިތުރުން އަހްމަދު ޝިހާދު، ބްލެސް / ހއ. ހޯރަފުށިއެވެ.
ހޯމް މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 89 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފު ކޮމިޓީގެ ރައީސްގެ މަގާމަށް މުހައްމަދު ސޯދިގު އަދި އެ ކޮމިޓީގެ ނައިބު ރައީސް ކަމަށް ފާތިމަތު ލީނާ، އިންތިހާބު ކޮށްފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ރައީސް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އެ ހިދުމަތާ ގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެއެވެ.
މި ގާނޫނުގެ ދަށުން ފުލުހުންގެ ބޯޑުވެސް އެކުލަވާލައި އެ ބޯޑަށް ވެސް މެންބަރުން ވަނީ އައްޔަން ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު