މިރެން ފެށިގެން ރޭގަނޑު 9:00 ޖަހާއިރު ކެފޭ ރެސްޓޯރެންޓް ތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން އާންމުންނަށް ބަންދުކޮށް ދަންވަރު 3:00 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ފިޔަވަޅުތައް އަޅާފައި ވަނީ، މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ކަމަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން ރޭގަނޑު 9:00 އަށެވެ. އަދި ރޭގަނޑު 9:00 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

ނަމަވެސް އެ ވަގުތުތަކީ މާލެ ސަރަހައްދުގައި ކާފިއު ވަގުތުކަމުން ފުލުހުންގެ ހާއްސަ ހުއްދައެއް ނަގަން ޖެހޭނެއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ފަށާނެއެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް އަދި ސެލޫންތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ އަންގައިފައެވެ.