ޖިންސީ ކުށުގެ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި، ހައިކޯޓުން ނިންނި ނިންމުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުން މިއަދު ނިންމާލައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާ ގުޅިގެން އެ ދުވަހުން އެދުވަހަށް އަލީ ވަހީދު ވަނީ ތުރުކީ އެއާލައިނުން ރާއްޖޭން ބޭރަށް ފުރައިފައެވެ.

އެެ ކަމާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އޭނާގެ ޣައިރު ހާޒިރުގައި ކުރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވިގެން، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ނަމަވެސް އެ މައްސަލައިގައި، އަލީވަހީދަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ އާއި އަލީ ވަހީދު ދިރިއުޅޭ ތަނެއް ހޯދިފައި ނުވާތީ އެ މައްސަލައިގެ ފޯމު ބާތިލުކޮށް ހުސްވި އޭޕްރީލްމަހު ހައިކޯޓުން ވަނީ އެ މައްސަލަ ބާތިލު ކޮށްފައެވެ.

އެކަމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އަލީ ވަހީދު އުޅޭ ތަނެއް އެނގެން ނެތުމުން، ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ހައިކޯޓުން ކުރިއަށް ގެންދާނެ ފަދަ ހުކުމެއް ހޯދުމަށެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމާއެކު މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމައި ލައްވައިފައެވެ.

މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވިކަން ފާހަގަ ކުރައްވައި އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، މި މައްސަލައިގައި ނިންމާގޮތް އިއުލާންކުރައް އިތުރު އަޑުއެހުމެއް ނުބާއްވަވާނެ ކަމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާގޮތް ދައުލަތަށާއި އަދި ކަމާބެހޭ އެހެން ފަރާތްތަކަށް އަންގައި، ނިންމާގޮތް ކޯޓުގެ ވެބްސައިޓްގައި ޝާއިއު ކުރައްވާނެ ކަމަށްވެސް ފަނޑީޔާރު ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރޭގައި މަހާޒް އަލީ ޒާހިރުގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވަނީ، ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމް އާއި ޑރ.އަޒްމިރާލްދާ ޒާހިރު އެވެ.