ރޭގަނޑު 9 އިން ފަތިހު 4 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފިއެވެ.
މީގެ ކުރިންވެސް މާލެ ސަރަހައްދުގައި ވަނީ ކާފިއު ހިންގައިފައެވެ. އެންމެ ފަހުން މާލެ ސަރަހައްދުގައި ކާފިއު ހިންގާފައިވަނީ ރޭގަނޑު 11:00 އިން ފަތިހު 4:30 އަށެވެ. ކޭސްތަކުގެ އަދަދު މަދުވުމާއެކު ކާފިއު އުވާލާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ކޮވިޑުގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.
މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ފިޔަވަޅުތައް ހަރުކަށި ކޮށްފައި މިވަނީ، މާލެ ސަރަހައްދުގެ ކޭސްތައް ބޮޑުތަނުން އިތުރުވަމުން ދާތީއެވެ. އެގޮތުން މިއަދު ވަނީ މާލެ ސަރަހައްދުން 500 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިމަހު އެކަނިވެސް މާލެ ސަރަހައްދުން ވަނީ 1800 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކޭސްތައް ގިނަވުމާ ގުޅިގެން މިއަދުން ފެށިގެން ވަނީ އިތުރު އެހެން ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ. އެގޮތުން ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކުތައް ވަނީ ބަންދުކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސަރުކާރު އޮފީސްތައްވެސް ދިހަ ދުވަހަށް ބަންދު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ. އަދި މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް ދިހަ ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށްވެސް މިހާރު ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު