ސިއްހީ ހިދުމަތްތެރިން ނުލިބުމަކީ ބޮޑު ދައްޗެއް ކަމަށާއި ރާއްޖެއިން ބޭރުން ވެސް ޑޮކްޓަރުން ހޯދުމަށް މަސައްކަތްކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ފެތުރުނު ދުވަސްވަރުވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންސާނީ ވަސީލަތްތައް މަދުވުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ސިއްހީ ހިދުމަތްތެރީންގެ އަދަދު އިތުރުކުރުމަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރުންނާއި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުން އައި އެތައް ދަރިވަރެއްވެސް ރާއްޖެ ގެނެސް މަސައްކަތްތައް ކޮށްފައިވާނެ ކަމަށެވެ.

"ރާއްޖޭން ބޭރުންވެސް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް އަދި ރާއްޖޭގައި މިހާރު ޕްރައިވެޓްކޮށް މަސައްކަތްކުރައްވާ ސިއްހީ ހިދުމަތްތެރީން ނިޒާމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އެބަދޭ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ސިއްހީ ހިދުމަތްތެރީން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ކޮވިޑުގެ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާތީ އެޗްއީއޯސީން ވަނީ ކޮވިޑުގެ އޮޕަރޭޝަންގައި މަސައްކަތްކޮށްދޭނެ ދަރުމަވެރިން ހޯދުމަށް އިއުލާންކޮށްފައެވެ. އަދި ވީހާވެސް ގިނަ ސިއްހީ ހިދުމަތްތެރީން މަސައްކަތްތައް އެނބުރާ ނުކުތުމަށް އިލްތިމާސްކޮށްފައިވެއެވެ.