މާލީ އަންހެނަކު މޮރޮކޯގައި އެއްމާބަނޑު 9 ކުދިން ވިހައިފިއެވެ.

25 އަހަރުގެ މި އަންހެން މީހާ އަންގާރަ ދުވަހު މޮރޮކޯގެ ހޮސްޕިޓަލެއްގައި އެއްފަހަރާ ނުވަ ކުދިން ވިހޭ ހަބަރަށް ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ހަބަރުތައް ބުނާގޮތުގައި ހަލީމާ ސިސޭ ކިޔާ މި އަންހެން މީހާ ބަލިވެ އިނީ އެއްފަހަރާ ހަތް ކުދީންނަށް ކަން އޭނާއަށް ކުރީންވެސް އެނގެއެވެ. ނަމަވެސް އޭނާއަށް ލިބެން އުޅެނީ 9 ކުދީންކަން އެނގިފައިވަނީ ވިހަން ދިއުމުން ކަމަށް ވެއެވެ.

އެއްމާބަނޑު ނުވަ ކުދިން ނުވަތަ ''ނޮނުޕްލެޓްސް''ގެ ގޮތުގައި ހަލީމާއަށް 5 އަންހެންކުދިން އަދި 4 ފިރިހެން ކުދިން މިވަނީ ލިބިފައެވެ. މިކަމާ ގުޅިގެން މާލީގެ ހެލްތު މިނިސްޓަރު ފަންޓާ ސިބީ ވަނީ މިއަންހެން މީހާ އާއި އޭނާގެ ކުދީންގެ ހާލަތާ ގުޅޭ ގޮތުން ބަޔާނެއް ނެރެ މައިމީހާ އާއި ކުދިންގެ ހާލު ރަނގަޅުކަމުގައި ވިދާޅުވެފަ އެވެ.

ހަތް ކުދީންނަށް ބަލިވެ އިން ހަބަރާ އެކު ހަލީމާއަށް ހާއްސަ ސަމާލުކަމެއް ލިބި އެގައުމުގެ ސަރުކާރުންވެސް ވަނީ އޭނާއަށް އެހީތެރިވެދީފައެވެ. މާލީގެ ކެޕިޓަލް ބަމަކޯގެ ހޮސްޕިޓަލެއްގައި ދެ ހަފުތާ ބޭއްވުމަށްފަހު އިތުރު ފަރުވާއަށް މޮރޮކޯއަށް ފޮނުވާލާފައިވަނީ މާޗްމަހުގެ 30 ވަނަ ދުވަހުގައި ކަމަށް ޑރ. ސިބީ ވަނީ މައުލޫމާތު ދެއްވައިފައެވެ. އަދި 5 ހަފުތާ ވަންދެން މޮރޮކޯގެ ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ސިޒޭރިއަން ހަދާފައިވަނީ އަންގާރަ ދުވަހު ކަމަށް ވެސް ބުނެފައި ވެއެވެ.

ހަލީމާގެ ފިރިމީހާ މިވަގުތު ހުރީ އެމީހުންގެ ދޮށީ އަންހެން ދަރިފުޅާއެކު މާލީގައި ކަމަށާއި އެދެމަފިރިންނަށް އެއްފަހަރާ މިހާ ގިނަ ކުދިން ލިބުނަސް ފިކުރު ބޮޑު ނުވާކަމުގައި އޭނާ ބުނެފައި ވެއެވެ. 'ދަރީން ދެއްވަނީ އަހަރެމެން ހެއްދެވި ފަރާތުން. އެ ދަރީންނަށް ކަންތައް ވާނެ ގޮތް ނިންމަވަނީ އެފަރާތުން. އަހަރެން އެއްވެސް ވަރަކަށް ހާހެއް ނުވޭ. އެފަރާތުން ކަމެއް ނިންމަވާއިރު އެނިންމެވުން ނިންމަވަނީ ކީއްވެގެން ކަން އެފަރާތަށް އެނގިވޮޑިގެންވޭ.'' ބީބީސީ އެފްރިކާއަށް ހަލީމާގެ ފިރިމީހާ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އެއްމާބަނޑު 7 ކުދީން އެއްފަހަރާ ވިހެއުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމަކަށް ވާއިރު، އެއްފަހަރާ 7 ކުދީންނަށް ބަލިވެ އިން މީހަކު 9 ކުދިން ވިހެއި ހަބަރު ވެގެން ގޮސްފައި މިވަނީ މީހުން އަޖައިބު ކުރުވި ހަބަރަކަށެވެ.

އެއް ފަހަރާ 9 ކުދިން ވިހާފައިވާ ކަމަށް މިހާތަނަށް ދުނިޔޭގައި ރެކޯޑުކުރެވިފައިވަނީ 1971ވަނަ އަހަރު އޮސްޓްރޭލިއާ މީހަކު ވިހެއި ނުވަކުދިން އަދި 1999 ވަނަ އަހަރު މެލޭޝިއާ އަންހެނަކު 9 ކުދިން ވިހެއި ހަބަރު އެކަންޏެވެ. ނަމަވެސް މި ދެފަހަރުވެސް އެއްވެސް ކުއްޖަކު މާގިނަ ދުވަހު ދިރިއެއް ނެތެވެ.