އޭއެފްސީ ކަޕް ކޮލިފިކޭޝަން މެޗުތައް ރާއްޖޭގައި ހޯސްޓު ކުރުމަށް އޮތް ފުރުސަތު ގެއްލިގެން ނުގޮސް ހިފެހެއްޓުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މެޗުތައް ކުރިއަށް ދާނީ މިހާރު މާލޭގައި ކުރެވޭ އެހެން ހުރިހާ ކަމަކަށްވުރެވެސް ރައްކާތެރިކޮށް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ނުރައްކާތެރި ދަނޑިވަޅެއްގައި އޮށްވައި، އޭއެފްސީ ކަޕުގެ މެޗުތަކެއް ކުޅެން ސަރުކާރުން ހާއްސަ ހުއްދައެއް ދިނުމާއެކު އެކަމަށް ވަނީ ބައެއް ފަރާތްތަކުން ފާޑު ކިޔައިފައެވެ.

މިމަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ކުލަބް އީގަލްސްއާ ދެކޮޅަށް އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ކޮލިފިކޭޝަން މެޗު ފުރަތަމަ އޮންނަ އިރު، އޭގެ ފަހުން އޭއެފްސީ ކަޕު ގުރޫޕް ޑީގެ މެޗުތައްވެސް ހޯސްޓް ކުރާނީ ރާއްޖޭގައެވެ. ގުރޫޕު ސްޓޭޖު މިހާތަނަށް ޔަގީން ކޮށްފައި ވަނީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއެވެ. ފަހު ޖާގަ ޔަގީން ވާނީ ކޮލިފިކޭޝަން މެޗުންނެވެ.

އޭއެފްސީ ކަޕުގެ މެޗުތައް ހޯސްޓު ކުރުމަށް ރާއްޖެއަށް ލިބުނު ފުރުސަތައް ފަހިކޮށްދިނުމުގެ ގޮތުން އެޗްޕީއޭ އިން ހާއްސަ ހުއްދައެއް ދީފައިވާ އިރު، މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ޕްރެސްގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ކުޅިވަރު އެނގޭ ފަރާތެއް ނަމަ، އެ މެޗުތައް ކުޅެންޖެހޭ ސަބަބު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

"ވަރަށް އުފާކުރަން އޭއެފްސީގެ ފުރުސަތު އަޅުގަނޑުމެން އަތުން ގެއްލިގެން ނުދިޔައިމަ. ކުޅިވަރު، ހާއްސަކޮށް ފުޓުބޯޅަ އެނގޭ ފަރާތްތަކަށް އެނގޭނެ މިއީ ކިހާވަރެއްގެ ކަމެއްކަން. މިކުރާ ކަމަކީ މިހާރު ރާއްޖޭގައި ކުރާ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރާނެ ކަމެއް. މިސާލަކަށް މިސްކިތަކަށް ކެފޭއަކަށް ދާއިރު ޓެސްޓު ކޮށްފައި ނެގެޓިވް ވެގެން ނޫން އެތަންތަނަށް ވައްދަނީއެއް، ރެންޑޮމް ސާމްޕަލެއް ނުނަގާނެ ދުވަން ދާއިރުވެސް، ސައިކަލު ދުއްވާއިރުވެސް،" މަހުލޫފު ވިދާޅުވިއެވެ.

ހާލަތާއެކު ދުނިޔޭގެ ކުޅިވަރު ލީގުތައް ކުރިއަށް ގެންދަނީ ބަޔޯ ސެކުއާ ކޮންޓެކްޓް ބަބުލް ސިިސްޓަމެއް ގާއިމު ކުރެވިގެން ކަމަށްވާ އިރު، މިނިސްޓަރު ފާހަގަކުރެއްވީ އޭއެފްސީ މެޗުތައްވެސް ކުރިއަށް ދާނީ ބަބުލްއެއްގެ ތެރޭގައި ޓީމުތަކާއި އޮފިޝަލުން ހަރަކާތްތެރިވާނެ ސިސްޓަމަކަށް ކަމަށެވެ. އަދި އެކަމަކީ އޭއެފްސީގެ ހަރުކަށި ގަވާއިދުތަކުގެ ތެރެއިން ކުރަން މަޖުބޫރު ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.

"މޯހަން ބަގާން ނޫނީ ބެންގަލޫރު އެފްސީއަށް ކަމަށް ބެލި ނަމަވެސް އެބަ އެނގޭ، ހައެއްކަ މަސްވީ އެމީހުން (ސެކުއާ ބަބުލް)އެއްގައި އެއް ތަނެއްގައި ކޭމްޕް ކޮށްގެން ތިބޭތާ. ދެން ރާއްޖެއިން އޭއެފްސީ މެޗުތައް ކުޅޭ ޓީމުތައް، މާޒިޔާ އާއި އީގަލްސްވެސް މާދަމާއިން ފެށިގެން އެ ހުރިހާ ކުޅުންތެރިން އެއް ހޮޓަލަކަށް ކޭމްޕު ކުރުމަށް ވަންނާނެ. ކަންކަން ބަލަން ފުލުހުން ބައިތިއްބަން ޖެހިއްޖެއްޔާ އެކަންވެސް ކުރާނެ. ވަނުމުގެ ކުރިން އެންމެން ޕީސީއާރުވެސް ހަދާނެ. އޭއެފްސީ ގައިޑްލައިންގައި އެތައް ކަމެއް ވަރަށް ހަރުކަށިކޮށް އެބަ ހުރި،" މަހުލޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޅިވަރަކީ ހަމައެކަނި ކުޅިވަރެއް ކަމަށް ވިސްނާ ވިސްނުން މިހާރު ދޫކޮށްލަންޖެހޭ ކަމަށެވެ. ހާއްސަކޮށް ފުޓުބޯޅައަކީ ބަޔަކު ސަކަރާތް ޖަހާލުމަށް ކުޅޭ ކުޅިވަރެއް ނޫން ކަމަށާއި ކޭސްތައް މަތިވެގެން ދާއިރުވެސް ވިޔަފާރިތައް ބަންދު ނުކުރާ ސަބަބުގެ ތެރެއިން ފުޓުބޯޅަވެސް ހުއްޓާނުލަނީ ވިޔަފާރިއަކަށްވާތީ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުވެސް ރާއްޖެއިން ހޯސްޓު ކުރަން އުޅެނިކޮށް އެ ފަހަރު މުބާރާތް އޭއެފްސީން ކެންސަލް ކޮށްފައިވާ އިރު، އެކަމުގެ ސަބަބުންވެސް ގުރޫޕް ސްޓޭޖަށް ތައްޔާރުވި މާޒިޔާއަށް ވަނީ އަރައިނުގަނެވޭނެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

ކުލަބުތަކުގެ ގެއްލުން އަންދާޒާ ކުރައްވައި މަހުލޫފު ވިދާޅުވީ މިސާލަކަށް މާޒިޔާގެ ކޯޗަށް އެކަނި މަހަކަށް 150000 ރުފިޔާ ހަރަދުކޮށްފައި، އޭއެފްސީ މުބާރާތަށް ތައްޔާރުވާން އެ ކުލަބުން އަށް މިލިއަން ރުފިޔާ އެބަ ހަރަދުކުރާ ކަމަށެވެ. އަދި ކުލަބުތަކަށް އޭއެފްސީން ދޭ އިތުބާރު ދަމަހައްޓަންވެސް މެޗުތައް ކުޅެންޖެހޭ ކަމަށް ވިދާޅުވިއެވެ.

މަހުލޫފުގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ސިއްހީ ސަލާމަތްތެރިކަން، އޭއެފްސީ އާއި އެފްއޭއެމުން ޔަގީންކޮށް، އެކަން މޮނިޓާ ކުރާނެ ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ފަހިކޮށްދެއްވީތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަދި އެކިއެކި އިދާރާތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.