ފިޝަރީޒް މިނިސްޓަރު ކަމުން، މިދިޔަ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ވަކި ކުރެއްވި ޒަހާ ވަހީދަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަން ހުށަހަޅުއްވާފައިވާ ކަމަށާއި އެހެން ނަމަވެސް އެ މަގާމަށް ނުކުންނެވުމާ މެދު ޒަހާ ވަކި އެއްޗެއް ނާންގަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ޒަހާ ވަޒީރުކަމުން ވަކި ކުރެއްވި ނޫންތޯ ސުވާލު ދެންނެވުމުން މަބްރޫކް ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން ކެބިނެޓު މިނިސްޓަރުންނަށް އިސްތިއުފާދެއްވަން ފުރުސަތު ދެއްވާނެ ކަމަށެވެ. އެ ފުރުސަތު ޒަހާއަށް ވެސް ދެއްވި ކަމަށާއި މިއަދު ހެނދުނުގެ ވަގުތެއްގައި ޒަހާގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށެވެ.

"ޒަހާއަށް އޮތީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމު ހުށަހަޅުއްވާފަ. އެކަމަށް ސީދާ ޖަވާބެއް އަދި ދެއްވާފައެއް ނެތް. ވިސްނަވަމުން ގެންދަވާ ކަހަލަ ވާހަކައެއް އެނގިފަ އޮތީ." މަބްރޫކް ވިދާޅުވި އެވެ.

އެންވަޔަރަންމެންޓް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން، ފިޝަރީޒް މިނިސްޓަރު ކަމަށް ރައީސް ސޯލިހު މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ. ޒަހާ ވަކި ކުރެއްވުމުގެ ކުރީން، ތަރުޖަމާނު މަބްރޫކް ވިދާޅުވެފައިވާ ގޮތުގައި ކެބިނެޓަށް ގެންނަވާ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ސޯލިހު ގެންދަވަނީ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އެހެން ނަމަވެސް، ޒަހާ ވަކި ކުރުމާ ގުޅޭ ގޮތުން މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. ކެބިނެޓަށް ވަޒީރުން އައްޔަން ކުރެއްވުމާއި ވަކި ކުރެއްވުމަކީ ގާނޫނު އަސާސީން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެކެވެ. އެކަމާ އެއްވެސް ފަރާތަކާ މަޝްވަރާ ކުރައްވާކަށް ޖެހިވަޑައެއް ނުގަންނަވަ އެވެ.