ޚަބަރު

ކޮމިއުނިކޭޝަން މިނިސްޓްރީ އުވާލައްވައިފި

އިބްރާހިމް ޒަކީ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ މިއަދު އުވައިލައްވައިފި އެވެ.

ރައިސުލްޖުމްހުރިްޔާގެ އޮފީހުން މިއަދު ބުނީ، މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިވާލައްވާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަމަށްވެސް ބުނެފައިވެއެވެ. އަދި، އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގައި ތިބި މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ބަދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެގޮތުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ މަސައްކަތްތަކުގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓްރީން ކުރަމުން އައި އެހެނިހެން މަސައްކަތްތައް ވެސް ވަނީ އެ މިނިސްޓްރީގެ މެއިންޑޭޓްގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ގޮތުގައި ހަމަޖައްސަވައިފައެވެ.

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އުވާލައްވާފައި މި ވަނީ، މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އިންޓަނެޓުގެ އަގު ހެޔޮވެފައި ނުވާ ކަމަށް ބުނެ، އެ މިނިސްޓްރީގެ ކުރީގެ ވަޒީރު، މުހައްމަދު މަލީހު ޖަމާލުގެ މައްޗަށް އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޠީގެ ސްލޮޓެއްގައި ކެބިނެޓްގައި ހުންނެވި މަލީހު މަގާމުން ވަކި ކުރުމާ ގުޅިގެން، މިހާތަނަށް އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

މިނިސްޓްރީ އުވާލާފައި މިވަނީ، އިންޓަނެޓުގެ އަގު ހެޔޮ ކުރުމާ ބެހޭ ގޮތުން ކަމާބެހޭ މުވާސަލާތީ ކުންތުނިތަކާ ދެމެދު މަޝްވަރާ ކުރަމުން އަންނަނިކޮށެވެ.

އެ މަޝްވަރާތަކާ ބެހޭ ގޮތުން ފައްޔާޒު ދާދި ފަހުން ވިދާޅުވެފައިވަނީ، ރަނގަޅު ބަދަލުތަކެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.

ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމާ ގުޅިގެން ދެން އެ މަޝްވަރާތައްވެސް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންނެވެ.