ޚަބަރު

މިވަގުތު ލޮކްޑައުނަކަށް ނުގޮސް، ބަލި ގިނަ ގައުމަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރެވިދާނެ: ޑރ. މުހައްމަދު އަލީ

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރުމަށް މިވަގުތު ލޮކްޑައުނަކަށް ދިއުމުގެ ބަދަލުގައި ބަލި އެންމެ ގިނަ އެއް ގައުމަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރެވިދާނެ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ބަލި ކޮންޓްރޯލްކުރުމަށް ޓަކައި ހުރިހާ ގައުމަކުން ވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި އެގޮތުން ބައެއް ގައުމުތަކުން އަމަލުކުރާ ގޮތަށް ބަލި ގިނަ ގައުމަކުން ރާއްޖެ އާދެވޭނެ މަގު ބަންދުކުރެވިދާނެ ކަމަށެވެ.

"އަޅުގަނޑަށް މިހާރު ލަފާކުރެވެނީ މިހާރު ބަލި އެންމެ ގިނަ އެއް ގައުމަކުން ރާއްޖެ އަންނަން އޮންނަ މަގު ބަންދުކުރުން، އެއީ ލޮކްޑައުނަކަށް ދިއުމުގެ ކުރިން ކުރެވިދާނެ އެއް ކަންތައް. ލޮކްޑައުނަކަށް ދިއުމަށް ވުރެ ކޭސްތައް ގިނަ ގައުމަކުން ރާއްޖެއަށް އައުން ހުއްޓުވުމަކީ ކުރެވިދާނެ އެއް ކަންތައް. އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވެސް ކަންތައް ކުރަމުންދިޔައީ މިގޮތަށް. އަޅުގަނޑުމެން އެކްސްޕީރިއަންސް މި ނަގަން ޖެހެނީ އެހެން ގައުމުތަކުން. އެހެންވީމާ ފުލް ލޮކްޑައުނަކަށް ދިއުމުގެ ކުރިން މިކަހަލަ ކަންތައްތައް ކުރެވިދާނެ. އަދި ރާއްޖޭގައި މި އިމްޕްލިމެންޓް ކުރާ ކަންތައްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ނުވަތަ އެއާ އެއްގޮތަށް އަމަލުތައް ބެހެއްޓޭތޯ ވެސް ބަލަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ބަލި ކޮންޓްރޯލްކުރުމަށް ބަލި އެންމެ ގިނަ އެއް ގައުމަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރެވިދާނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވާ އިރު، މިވަގުތު އެންމެ ގިނައިން ބަލި ފެންނަމުންދާ ގައުމަކީ އިންޑިއާއެވެ. އެގައުމުގައި މިހާރު ދުވާލެއްގެ މައްޗަށް 300،000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެންނަމުން ދިއުމާއެކު، އެގައުމުގެ ސިއްހީ ނިޒާމަށް ވެސް ނުތަކައި، ހާލަތު ވަރަށް ގޯހެވެ. އިންޑިއާ އިން އަންނަ މީހުންނަށް ރާއްޖެއިން މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ފަތުރުވެރިން ފިޔަވައި، އިންޑިއާ އިން އަންނަ ދިވެހިންނާއި މަސައްކަތްތެރިން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް ދާދި ފަހުން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ މީގެ ކުރިން ރާއްޖެ ލޮކްޑައުނަކަށް ދާން ޖެހުނު އެއް ސަބަބަކީ ވައިރަސްއާ ބެހޭ މައުލޫމާތު ލިބިފައި އޮތް މިންވަރު ކުޑަވުމުން ކަމަށާއި އޭރު ރާއްޖެއިން އެވްރެޖްކޮށް ދުވާލަކު 100 މީހުން މަރުވާނެ ކަމަށް އަންދާޒާކުރެވުނު ކަމަށެވެ.

"އެއީ ޗައިނާގައި ކަންތައް ވަމުންދިޔަ ގޮތާއި ޔޫރަޕްގެ އެހެން ގައުމުތަކުގައި މީހުން މަރުވަމުންދިޔަ ރޭޓަށް ބަލާފައި. ދުވާލެއްގެ މައްޗަށް މީހުންގެ ހާލު ސީރިއަސްވެގެން ދުނިޔެ ދޫކުރާނެ ކަމަށް އެސްޓިމޭޓް ކުރެވިފައިވި އޭރުގައި. އޭގެ މާނައަކީ ޕޮޒިޓިވިޓީ ރޭޓް ވަރަށް ހައި ވެގެންދާނެއޭ. އަދި ސީރިއަސްވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އޭރުގައި އެސްޓިމޭޓް ކުރެވިފައިވަނީ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ބަލި ފެތުރިގެންދިޔަ އިރު، ޗައިނާ އަދި ޔޫރަޕްގެ ގައުމުތަކުން ވެސް ފުރަތަމަ މަސައްކަތްކުރީ އާންމު ހޮސްޕިޓަލުތަކުން ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދިނުމަށް ކަމަށާއި އެގޮތަށް ކަންތައް ކުރުމުން ހޮސްޕިޓަލުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވެގެންދިޔަ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

"އެހެންވީމާ އޭގެ ބަދަލުގައި ޑަބްލިޔުއެޗްއޯ އިން ވެސް، އަދި ކަމާ ގުޅޭ އެހެން ފަރާތްތަކުން ވެސް ރިކޮމެންޑް ކުރަމުންދިޔައީ ވަކިން އެހެން ފެސިލިޓީތަކެއްގައި، ފެސިލިޓީއެއްގައި ކޮވިޑް ކޭސްތައް މެނޭޖުކުރާށޭ. އޭރުގައި އެކަހަލަ ފެސިލިޓީތަކެއް ހެދިފައެއް ނެތް. އޭގެ މާނައަކީ މިސާލަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވެގެންދިޔަ ނަމަ، ރާއްޖޭގައި ހޮސްޕިޓަލުތަކުގެ ތެރެއިން ބަލި ފެތުރުމުގެ ޗާންސް އޮތޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ އިތުރަށް ވިދާޅުވީ އޭރު ރާއްޖެ އޮތީ މިކަމަށް ތައްޔާރަކަށް ނޫން ކަމަށާއި އެހެން ފެސިލިޓީއެއްގައި ކޮވިޑު ބަލި މީހުންނަށް ފަރުވާދިނުމަށް ވެސް ތައްޔާރަށް ނޫން ކަމަށެވެ. އެހެންކަމުން އޭރު ބޮޑަށް މަސައްކަތްކުރީ އެކަމަށް ތައްޔާރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.