ޔޫއެފާ ޗެމްޕިއަންސް ލީގު

ނޭމާއާއި ޕީއެސްޖީ ރޮއްވާލައި، ސިޓީގެ ތާރީހުގައި ފުރަތަމަ ފައިނަލަށް

މެންޗެސްޓާ ސިޓީގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލުގައި ކުޅުނު ދެ ލެގުގައިވެސް ޕީއެސްޖީގެ މައްޗަށް ކުރި ހޯދައި، ސިޓީން ފައިނަލް ޔަގީންކުރީ އެގްރިގޭޓް 4-1ގެ ނަތީޖާއަކާ އެކުގައެވެ. ޕީއެސްޖީގެ ދަނޑުގައި ހަފުތާއެއް ކުރިން ކުޅުނު ފުރަތަމަ ލެގު ސިޓީން 2-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި އޮވެ، މިރޭގެ މެޗަށް އުންމީދާއެކު ނުކުތް ސިޓީން އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ފައިނަލުގައި ޕީއެސްޖީ ކުޅުނު ނަމަވެސް އެޓީމުގެ ފަރާތުން މި ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީގައި ކުޅުނު ދެ ލެގުގައިވެސް އެ ހިތްވަރު ފެނިފައެއް ނުވެއެވެ. މެޗުގެ 68 ވަނަ މިނެޓުގައި ޕީއެސްޖީގެ ތަޖުރިބާކާރު ވިންގާ އެންހޭލް ޑިމަރިއާއަށް ރެފްރީ ސީދާ ރަތެއް ދައްކައި ދަނޑުންވެސް ބާލާފައިވާ އިރު، ސިޓީން ޖެހި ދެވަނަ ގޯލާއެކު ޕީއެސްޖީގެ ކުޅުންތެރިން ފެނުނީ ރުޅިގަދަވެ، ވަރަށް ބޮޑަށް މާޔޫސްވެފައި ތިބި މަންޒަރެވެ.

މެޗަށް ޕީއެސްޖީން ނުކުންނަން ޖެހުނީ އެޓީމުގެ އެންމެ ނުރައްކާތެރި ހަތިޔާރު ކިލިއަން އެމްބާޕޭ ނުލައެވެ. ލީގު މެޗުގައި އަނިޔާވުމާ ގުޅިގެން އެމްބާޕޭ މިރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ. އޭނާ ނެތްތަން ޕީއެސްޖީގެ އެޓޭކުން ފެންނަންވެސް ފެނުނެވެ. ނޭމާއާއި ޑިމަރިއާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާ އިރު، ސިޓީގެ ޑިފެންސުން ޕޯޗުގަލްގެ ރުބެން ޑިއާޒްއާއި އިންގްލެންޑްގެ ޖޯން ސްޓޯންސް ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ.

ސްނޯގައި ފެށި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ލީޑު ނަގައިފައެވެ. ޕީއެސްޖީން ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް ގޯލްކީޕަރު އެޑަސަން ކުރިއަށް އެއްލި ބޯޅައެއްގެ ބޭނުން ހިފައި ލީޑު ނަގައިދިނީ ރިޔާދު މަހަރޭޒްއެވެ. އެ ގޯލާއެކު ދެވަނަ ހާފަށްވެސް ސިޓީން އުންމީދާއެކު ނުކުމެ ދެވަނަ ގޯލުވެސް ޖެހީ ކައުންޓާ އެޓޭކްގައެވެ. ޑިބްރޭނާއާއި ފޮޑެންގެ ހަލުވި ކުޅުމަކާއެކު ތިރިިތިރިން ހުރަސްކުރި ބޯޅަ ހުހަށް އޮވެ ގޯލަށް ވައްދާލީ ފުރަތަމަ ލެގުގައިވެސް ގޯލު ޖެހި މަހަރޭޒްއެވެ.

މެޗުގައި ހެޓްރިކް ހަދަންވެސް މަހަރޭޒްއަށް ދެ ފުރުސަތެއް ލިބި އޭނާއަށް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.

ސިޓީން މިދިޔަ ހަތަރު ސީޒަންގައި ތިން ފަހަރަށް އިނގިރޭސި ލީގު ކާމިޔާބުކޮށް، ޔޫރަޕްގެ ޗެމްޕިއަން ކަމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މިއީ ކްލަބުގެ ތާރީހުގައި މުހިއްމު ކާމިޔާބީއަކަށް ވާނެއެވެ. ޑުބާއީގެ އަބޫ ދާބީ ގްރޫޕުން ސިޓީއާ ދޭތެރޭ ދެކޭ އެންމެ ބޮޑު ހުވަފެނަކީވެސް ޔޫރަޕްގެ ޗެމްޕިއަން ކަމެވެ. މީގެ ކުރިން ޔޫރަޕްގެ މުބާރާތެއްގެ ފައިނަލަށް ސިޓީ ދިޔައީ 1969-70 ވަނަ އަހަރު ސީޒަންގައެވެ. އޭރު އޮންނަ މުބާރާތަކީ ޔޫރޮޕިއަން ކަޕް ވިނާސް ކަޕެވެ. ޗެމްޕިއަންސް ލީގު ފޯމެޓަށް ބަދަލުކުރި ފަހުން ސިޓީން ސެމީ ކުޅެފައިވަނީ މިފަހަރު ހިމަނައިގެން ޖުމްލަ ދެ ފަހަރުއެވެ. މީގެ ކުރިން ސެމީ ކުޅެފައި ވަނީ 2015-16 ވަނަ އަހަރު ސީޒަންގައެވެ.

ކްލަބުގެ ކޯޗުކަމާ 2016 ވަނަ އަހަރު ޕެޕް ގަޑިއޯލާ ހަވާލުވެފައިވާ އިރު، އޭނާއަށް ދިން އެންމެ ބޮޑު ޓާސްކަކީވެސް ޗެމްޕިއަންސް ލީގެވެ. ޕްރިމިއާ ލީގު ގާތްގަނޑަކަށް މިއަހަރުވެސް ސިޓީއަށް ޔަގީން ކުރެވިފައި އޮތްއިރު، ޗެމްޕިއަންސް ލީގު ތަށި ވެގެންދާނީ ގާޑިއޯލާއަށްވެސް ހާއްސަ ތަށްޓަކަށެވެ. އެކަމަށް ދެން އޮތް މެޗަކީ ތުރުކީގެ އިސްތާންބޫލްގައި ކުޅެން އޮތް ފައިނަލް މެެޗެވެ.

ސިޓީއާ ދެކޮޅަށް ފައިނަލުގައި ކުޅޭނީ ޗެލްސީ ނުވަތަ ރެއާލް މެޑްރިޑެވެ. ޗެލްސީއާއި ރެއާލް ކުޅޭ ސެމީ ފައިނަލް ދެވަނަ ލެގު މެޗު އޮންނާނީ މާދަމާ ރޭއެވެ.