ރިޕޯޓް

ނުރައްކަލެއް ނޯންނާނެ، ކޮންޓެކްޓެއް ނެތި "ބަބުލް" އެއްގައި ބެންގަލޫރު ހަތް މަސް!

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ ކޮވިޑް 19ގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކުޅިވަރުތައްވެސް ހުއްޓާލަން އެންގި ވަގުތު އޭއެފްސީ ކަޕް މެޗެއް، މެޗުތަކެއް ކުޅެން އުޅޭތީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވާތަން ފެނެއެވެ. ސަރަހައްދުގެ ގައުމުތަކުގެ ޓީމުތަކުން ރާއްޖެ އައިސް އޭއެފްސީ މެޗުތައް ކުޅެން ޖެހޭއިރު، ގިނަ ރައްޔިތުން ކަންބޮޑުވަނީ ކްލަބުތައް ނިސްބަތް ވާ ގައުމުތަކުގެ ކޮވިޑް ހާލަތުން ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ، އެ ވާހަކައިގެ ތެރެއިން ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ "ކޮންމެ ކަމެއް ސިޔާސީ" ކޮށްލުން އުފެދިގެން ދިޔައީ ކަމަށްވެސް ބެލެވިދާނެއެވެ.

ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައިވެސް އެންމެ ގޯސްކޮށް އޮތް އެއް ގައުމަކީ އިންޑިއާ ކަމަށްވާއިރު، އޭއެފްސީ ކަޕަށް އެންމެ ފުރަތަމަވެސް ރާއްޖެ އަންނަން ޖެހެނީ އިންޑިއާ ޓީމެކެވެ. "ސަރުކާރުން އިންޑިއާ ޓީމެއް ވީމަ ބިރެއް ނެތި ގެންނަން" އުޅެނީ ކަމަށް ގިނަ ބަޔަކު މީސް މީޑިއާގައި އަޑު އުފުލާފައިވާއިރު، އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން ފަހު ބުރުގައި ކްލަބު އީގަލްސްއިން ކުޅޭ މެޗަށް އެޗްޕީއޭއިން ވަނީ ހާއްސަ ހުއްދައެއް ދީފައެވެ. އެ ހުއްދައިގެ ވާހަކައާއެކު އިންޑިއާގެ ފުޓުބޯޅައިގެ ކަންކަމަށް ނަޒަރު ހިންގާލީ މަދުބައެކެވެ. އެގައުމުގެ ކޮވިޑް ހާލަތުން ފުޓުބޯޅަ އެއްކިބާ ކުރަން ކުޅުންތެރިންނާއި ކޯޗުން، އަދި ޓީމުތަކުގެ އޮފިޝަލުން ވެފައިވާ ބޮޑު ގުރުބާނީއަށް ބަލައިލި މީހަކުވެސް މަދުވާނެއެވެ.

އިންޑިއާގެ ޓީމުތައް ބަޔޯ ސެކުއާ ބަބުލްއެއްގައި އެތައް ދުވަހެއް

ކޮވިޑް 19 އާއެކު މުޅި ދުނިޔޭގެ ކުޅިވަރުތައް ހުއްޓުނެވެ. ވަކި ގައުމެއްގައެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑެތި ކުޅިވަރު މުބާރާތްތަކާއި ބޮޑެތި ފުޓުބޯޅަ ލީގުތައްވެސް މިދިޔަ އަހަރު ހުއްޓި، ކްލަބުތަކަށް ލިބުނު ގެއްލުން ބިލިއަނަށް އަރައެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްވެސް ކެންސަލް ކޮށްފައިވާއިރު، ރާއްޖޭގެ މާޒިޔާއަށްވެސް އެކަމުގެ ގެއްލުން އިންތިހާއަށް ފޯރިއެވެ.

ކުޅިވަރަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ވިޔަފާރިއަށްވާއިރު، ލީގުތައް އަލުން ފަށައި، ކުޅިވަރު އެތުލީޓުންނާއި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތައް އަލުން ކޮޅަށް ޖަހާނެ ގޮތްތައް އެކިއެކި ފަންނީ މާހިރުންގެ ލަފައާއެކު މިހާރު ގިނަ ގައުމުތަކުން ހޯދައިފިއެވެ. އެކަންކަމުގެ ހައްލު ހޯދައި، ވަކި އުސޫލަކަށް ޓީމުތައް ފައްތަން ހަރަދު ހިނގާ ނަމަވެސް، އެތައް ކްލަބަކުން އެ ހަރަދު ގުރުބާންކޮށް ކުޅިވަރުތައް ކުރިއަށް ގެންދަން ނުކުތީ އެތަކެއް ތަކުލީފުތަކާވެސް އެކުގައެވެ.

އެންމެ ކާމިޔާބު ވިސްނުމަކީ ބޮޑެތި އެތައް ލީގެއްގައިވެސް ގެންގުޅޭ "ބަޔޯ ސެކުއާ ބަބުލް" ސިސްޓަމެވެ. ކުޅުންތެރިންނާއި ކޯޗުން، އަދި ޓީމުގެ އިތުރުން ސްޓޭޑިއަމްތަކުގައިވެސް ހަރަކާތްތެރިވާ އެންމެން އާންމުންނާ ދިމާ ނުވެ، ވަކިން އެކަހެރިވެ ވަކި ކޮންޓެކްޓް ބަބުލްއެއް އުފައްދައިގެން ކޮވިޑްގެ މައިގަނޑު ރައްކާތެރިކަން ހޯދަނީ ކޮންޓެކްޓް ސުމަކަށް ހަދައިގެންނެވެ. އެގޮތަށް ކަން ކުރުމަށް ޓީމު އެކަހެރިވާން ޖެހެއެވެ. އެކަމަކު އެއީ ހަމައެކަނި ޓީމުތައް ކޮވިޑުން ސަލާމަތް ކުރުމަށް ހޯދުނު ގޮތްވެސް މެއެވެ. އިންޑިއާގެ މަގުތަކުގައި އެތައް ބަޔަކު ކޮވިޑް ޖެހިގެން އުޅުނު ނަމަވެސް ސެކުއާ ބަބުލްގައި ތިބި ޓީމުތައް ތިބީ ވަކިން ހޮޓާތަކުގައެވެ. ޓީމުގެ ހިދުމަތަށް ތިބި މީހުން ތިބީ ހޮޓާތަކުގައިވެސް އެކަހެރި ވެގެންނެވެ.

"ހޮޓަލެއްގައި ތިބޭތާ ހަތް މަސްވީ. އިންޑިއާއަށް އާ ވޭރިއަންޓެއް އައިސް، އެކަމުގެ ކަންބޮޑުވުންތައް އަހަންނަށްވެސް އިހުސާސް ކުރެވޭ، އެކަމަކު މިއީ މެންޓަލީ ވަރަށް އުނދަގޫ ކަމެއް. ހަމައެކަނި 14 ދުވަހަށް ކަރަންޓީނު ވާ ވާހަކައެއް ނޫން މި ދައްކަނީ. ސީޒަން އެއްކޮށް ނިންމަން މިތިބީ ސީޒަން ފެށިއިރުވެސް ފެށިގެން އެކަހެރިކޮށް. މިތަނުގައި ތިއްބާ ކުޅުންތެރިން ނޫނީ އޮފިޝަލުންގެ ގާތްތިމާގެ މީހުން ކޮވިޑް ޖެހިގެން މަރުވެސް ވެއްޖެ، އެކަމަކު ނުއެއް ނުކުމެވޭނެތާ. އެއީ އުނދަގޫ ހާލަތްތަކެއް،" އިންޑިއާގެ ފުޓުބޯޅަ ލީގު ދެ މަސް ކުރިން ނިމުނު ނަމަވެސް، އޭއެފްސީ ކަޕް މެޗުތަކަށް ހާއްސަވެގެން މިވަގުތުވެސް ހޮޓެލް ކަރަންޓީނުގައި ތިބި އިންޑިއާގެ ބެންގަލޫރު އެފްސީގެ އޮސްޓްރޭލިއާގެ މިޑްފީލްޑަރު އެރިކް ޕާޓަލޫ ބުނެފައިވެއެވެ.

ބެންގަލޫރު އެފްސީގެ ހުރިހާ ކުޅުންތެރިންގެ ޑެއިލީ ރުޓިންއަކީ ހޭލައިގެން ސައިބޮއެ، ފަރިތަކުރުންތަކަށް ގޮސް، އަނެއްކާވެސް ހޮޓަލުގައި ތިބެފައި، އަނެއް ދުވަހުވެސް ހަމަ ތަކުރާރުކޮށް އެއް ކަމެއް ކުރުމެވެ. އެއީ އުނދަގޫކަމެއް ނަމަވެސް ޓީމުތަކުން އެކަން ކުރަނީ ފުޓުބޯޅަ ނުހުއްޓުވުމަށެވެ. އޭއެފްސީ ގްރޫޕް ސްޓޭޖަށް ތައްޔާރުވަމުން އަންނަ މޯހަން ބަގާންވެސް އިންޑިއާގެ ސެކުއާ ބަބުލްގައި ތިބިއިރު، ބަންގްލަދޭޝް ލީގު އަލުން ފަށައި، ބަޝުންދުރަ ކިންގްސްއިން އަމަލުކުރަނީވެސް އޭއެފްސީ ޕްރޮޓޮކޯލްއަށެވެ.

ޕީސީއާރް ޓެސްޓް، ސެކުއާ ބަބުލް، ވަރުގަދަ އުސޫލުތަކެއް

ސަރަހައްދުގެ ދެވަނައަށް އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތައްވެސް ރާއްޖޭގައި ހޯސްޓް ކުރާއިރު، އެކަމުގެ ހުއްދަ ސަރުކާރުންވެސް އޭއެފްސީން ވެސް ދެނީ ހަރުދަނާ ޕްރޮޓޮކޯލެއްގެ ތެރެއިންނެވެ. އެކަންކަމަށް މީގެ ކުރިންވެސް ވަނީ ވާހަކަތައް ދެކެވިފައެވެ. ފުޓުބޯޅައިގެ ތެރެއިން އެތައް ބައެއްގެ އާމްދަނީ އާއި އެތައް ބައެއްގެ ދިރިއުޅުމަށް އަސަރު ކުރާއިރު، ފުޓުބޯޅަ ކުރިއަށް ގެންދާ ސަބަބަކީވެސް އެއީއެވެ.

"އެޗްޕީއޭ އާއި ޔޫތު މިނިސްޓްރީއާ ދެމެދު ދެކެވުނު ވާހަކަތަކުގައި އެއްބަސްވެފައިވަނީ އެއީ ބައިނަލްއަގުވާމީ މުބާރާތަކަށް ވާތީ، މެޗުތައް ކުޅުމަށް ފުރުސަތުދޭން. އެކަން ކުރާނީ އޭއެފްސީއާއި އެޗްޕީއޭގެ ހާއްސަ ގައިޑްލައިނެއްގެ ދަށުން. ރާއްޖެއަށް އަންނަ ޓީމެއް އަންނަން ޖެހޭނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮވެގެން. އައިސް ތިބެން ޖެހޭނީ އެކަމަށް ހާއްސަ ތަނެއްގައި. އެ ނޫން އެހެން ތަނަކަށް ނުދެވޭނެ. ދަނޑުން އެތަނަށް، އެތަނުން ދަނޑަށް ދެވެން ޖެހޭނީ. ޓީމުތަކަށް ހިދުމަތް ދޭ ފަރާތްތަކުންވެސް މުޖުތަމައަކަށް ނުނިކުމެވޭނެ ގޮތަށް ހަދަން ޖެހޭނެ،" ރޭ އެޗްއީއޯސީން ބޭއްވި ޕްރެސްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

އިންޑިއާގެ ޓީމުތައް ބަބުލްއެއްގެ ތެރޭގައި އެތައް ދުވަހެއް ވަންދެން ތިބެފައި އަންނަ ނަމަވެސް ޕީސީއާރް ޓެސްޓް ދެ ފަހަރަށް ހަދައި، ޑަބަލް ނަތީޖާ ނެގެޓިވް ވެގެން ނޫނީ މެޗެއް ނުކުޅެވޭނެއެވެ. އޭގެ އިތުރުން އޭއެފްސީ ޕްރޮޓޮކޯލްގައިވާ ކަންކަން ފުރިހަމަ ކުރެވިގެން ނޫނީ މެޗުތައް އިންތިޒާމެއްވެސް ނުކުރެވޭނެއެވެ. އެ އުސޫލުތައް ރާއްޖޭގެ ކްލަބުތަކަށްވެސް ހަމަހަމަކޮށް ހިންގާނެއެވެ.

މިމަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗަށް ބެންގަލޫރު އެފްސީ އަދި މާލެ އައިސްފައި ނުވާ އިރު، މި ހަފުތާ ތެރޭގައި ޓީމު އަންނާނެއެވެ. މަބްރޫކް ފާހަގަކުރައްވާފައިވާ ގޮތުގައި އިންޑިއާ ޓީމުތަކާ ދެކޮޅަށް މެޗު ކުޅޭ ދިވެހި ޓީމުތަކުން ވެސް ވަކި ތަނެއްގައި ކަރަންޓީނު ވާން ޖެހޭނެއެވެ.

"އޭގެ އިތުރުން އިންޑިއާ ޓީމުތައް ޑިޕާޗާ ސާމްޕަލް ހައްދަން ޖެހޭނެ. އަދި މެޗުތަކުގައި ޓީމުތަކާ ދެކޮޅަށް ކުޅޭ ރާއްޖޭގެ ޓީމުތައް އިންޑިއާ ޓީމާ ދެކޮޅަށް މެޗުތައް ކުޅުމަށްފަހު ވަކިން އައިސޮލޭޓް ވެ، 14 ދުވަހަކަށް ވަކި ތަނެއްގައި ޓީމު އެކުގައި ކަރަންޓީނު ވާން ޖެހޭނެ ކަމަށް ގައިޑްލައިންގައި ހިމެނޭނެ. މިއީ އަދި ދެކެވިފައިވާ ވާހަކަތައް، އެކަމަށް ބަދަލުތަކެއް އަޔަސް އެކަން ގައިޑްލައިންގައި ހިމެނިފައިވާނެ،" މަބްރޫކް ފާހަގަކުރެއްވިއެވެ.

ދިވެހި ޓީމުތަކުން އެކަމަށް ފުރިހަމައަށް ތައްޔާރުވާއިރު، އޭއެފްސީ ކަޕަށް ޓީމުގެ ހުރިހާ ކަމެއް ބަޔޯ ސެކުއާ ބަބުލްއަކަށް ލެވޭނެއެވެ. އެއީ މުޖުތަމައާ އެޓީމުތައް އެކަހެރި ވީ އެވެ. ރާއްޖޭގެ ކްލަބުތަކުން ބޮޑެތި ހަރަދުތަކެއް ކޮށް، އޭއެފްސީ ކަޕްގެ މެޗުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ އިރު، އޭއެފްސީ ކަޕް މެޗުތައް ރާއްޖޭގައި ކުޅެވުމަކީ ހާލަތަށް ބަލާއިރު ލިބޭނެ ބޮޑު ލުޔެކެވެ. ސަރަހައްދީ ގައުމުތަކުގައިވެސް ކޮވިޑް 19ގެ ހާލަތު ގޯސްކޮށް އޮތް އިރު، ރާއްޖޭގެ ސަރުކާރުން އޭއެފްސީ ކަޕަށް ފުރުސަތު ދިނުމަކީ ދިވެހި ފުޓުބޯޅައަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ. އަދި ހަމައެހެންމެ ކްލަބުތަކުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވެސް ފުރުސަތެއް މެއެވެ.

ބެންގަލޫރު އެފްސީއާއި އީގަލްސް ކުޅޭ ކޮލިފިކޭޝަން މެޗު މިމަހު 11 ވަނަ ދުވަހު އޮންނައިރު، ގްރޫޕް ޑީގެ މެޗުތައް އޮންނާނީ މިމަހު 14 އިން 21 އަށް މާލޭގައެވެ. އޭއެފްސީ ކަޕްގެ ކަންކަމަކީ ހަރުދަނާ އެތައް ފިޔަވަޅުތަކަކާ އެކު ތައްޔާރުވެފައިވާ ރަނުގެ ފުރުސަތެކެވެ. ދިވެހި ފުޓުބޯޅަ ކްލަބުތަކުގައި އެކިއެކި ގޮތްގޮތުން ހަރަކާތްތެރިވާ އެތައް ބައެއްގެވެސް މުހިއްމު ފުރުސަތަކަށް ގޮތް ކިޔައި، ފާޑު ކިޔާއިރު މުޅި މަންޒަރު ބެލެން ވާނެ އެވެ. ފުޓުބޯޅަ ޓީމުތަކުގެ ސަބަބުން އިންޑިއާގެ ނުރައްކާތެރި ހާލަތު ރާއްޖެއަށް އައުން އެއީ ނާދިރު ކަމެކެވެ. ސަލާމަތީ ގޮތުން އޭއެފްސީގެ ޕްރޮޓޮކޯލް އާއި މިއަދު ދުނިޔޭގެ ކުޅިވަރު ޕްރޮޓޮކޯލްތައް ފުރިހަމަކަމަށް ގަބޫލުކުރެވެން ޖެހެއެވެ.