ޚަބަރު

ކޮވިޝީލްޑް ވެކްސިންގެ ބަދަލުގައި އެސްޓްރާޒެނެކާ ވެކްސިންވެސް ޖެހޭނެ: ޑރ. މުހައްމަދު އަލީ

އަލީ ޔާމިން

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އެ ވެކްސިން ޖެހުމުގެ ބަދަލުގައި އެސްޓްރާޒެނެކާ ވެކްސިންވެސް ޖެހޭނެ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ، ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ބައެއް ވެކްސިންތަކަކީ އެ ވެކްސިންގެ ބަދަލުގައި އެހެން ވެކްސިނެއްވެސް ބޭނުން ކުރެވޭނެ ވެކްސިންތައް ކަމަށެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިންގެ ބަދަލުގައި އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ކޮވިޝީލްޑް ޖަހާފައިވާ މީހުންނަށް އިންޓަޗޭންޖް ކުރެވޭ އަލްޓަނޭޓިވްއެއްގެ ގޮތުގައި މިއޮންނަނީ، ޑަބްލިޔުއެޗްއޯއިންވެސް ކަނޑައަޅާފައި މި އޮންނަނީ ކޮވިޝީލްޑާއި އެސްޓްރާޒެނެކާ." ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ކޮވިޝީލްޑާއި އެސްޓްރާޒެނެކާ ވެކްސިނަކީ އެއް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ ދެ ވެކްސިނެވެ.

ސަރުކާރުން ވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ އިން އުފައްދާ ކޮވިޑް ވެކްސިންގެ 700،000 ޑޯޒް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހެލްތު މިނިސްޓަރީން މީގެ ކުރިން ބުނީ، އެ 700،000 ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިންގެ އަދަދު މަދުވުމުން އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ދިނުން ވަނީ މެދުކަނޑާލައިފައެވެ. މިވަގުތު ރާއްޖޭގައި ހުރީ ކޮވިޝީލްޑްގެ 1،700 ޑޯޒެވެ. ސަރުކާރުން އަންނަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރު ޑޯޒްތައް ހޯދުމަށް ގައުމުތަކާއެކު މަޝްވަރާ ކުރަމުންނެވެ.