ޚަބަރު

ބާރަ ހަފުތާއަށް ފަހުވެސް ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖެހޭނެ: ޑރ. މުހައްމަދު އަލީ

އަލީ ޔާމިން

ބާރަ ހަފުތާއަށް ފަހުވެސް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ރެކޮމެންޑް ކޮށްފައި އޮންނަނީ އަށް ހަފުތާ އާއި ބާރަ ހަފުތާއާ ދެމެދު ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި 12 ހަފުތާ ވުމުންވެސް ވެކްސިން ދޭ ކަމަށް ވިދާޅުވިއެވެ.

"ބައެއް ދިރާސާތަކުން ދައްކާ 12 ހަފުތާ ކައިރިވި ވަރަކަށް މީގެ އެފިކެސީ (ރައްކާތެރިކަން) ބޮޑުވާ ކަމަށް. 12 ހަފުތާ ފަހުން ވެސް ޖެހޭނެ. ނަމަވެސް އޭރަށް މިވާގޮތަކީ އެފިކެސީ ދަށްވާނެ ކޮންމެވެސް ވަރަކަށް،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ އިތުރަށް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިނުން 70 ޕަސަންޓް ރައްކާތެރިކަން ލިބޭ ކަމަށާއި އެހެންކަމުން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހަކަށް ބަލި ޖެހުނު ކަމުގައި ވިޔަސް ހާލު ސީރިއަސްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް 250،000 އަށްވުރެ ގިނަ މީހުން ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ލައްކައަކަށް ވުރެ ގިނަ މީހުން ޖަހާފައިވެއެެވެ. އަދި ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފުތާވެފައި ތިބި 26،400 މީހުން އެބަތިއްބެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ހުރީ ކޮވިޝީލްޑްގެ 1،700 ޑޯޒް ކަމުން ވެކްސިން ޖަހަން ޖެހޭ އެންމެންނަށް ޖެހޭނީ އާ ސްޓޮކެއް ލިބިގެން ކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ.

ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި މަދުވުމުން އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ދިނުން މިހާރު ވަނީ މެދުކަނޑާލައިފައެވެ.