ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ،، މީހެއްގެ ބަންދާމެދު ގޮތް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް މިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ނިންމައި، އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގާޒީ ޝަކީލުއާ ގުޅޭ ގޮތުން ބަލަމުންދަނީ ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ ގޭބަންދަށް ބަދަލުކުރި މައްސަލައެވެ.
އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެކެވެ.
ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަމީން ގޭ ބަންދަށް ބަދަލުކުރީ އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށްފަހުއެވެ.
ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެކޯޓުން ވަނީ އަމީން ގޭބަންދަށް ބަދަލުކުރަން ނިންމި ނިންމުން ބާތިލުކޮށް، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރަން އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު