މާލޭ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަ ތަކުގެ ތެރެއިން، ޕާކު ކުރުމުގެ މައްސަލަ ހައްލު ކުރުމަށް، އޮތް ވިސްނުމަކީ، ކޮމާޝަލް އެކި ބޭނުންތަކާއި ވިޔަފާރީގެ ފުރުސަތުތައް ވެސް ލިބޭ ގޮތަށް ހިމެނޭ (މިކްސްޑް ޔޫސް) އިމާރާތްތަކެއް ގާއިމް ކުރުން ކަމަށް، މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި، ޕާކިންގެ މައްސަލަ ހައްލު ކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަ ކުރައްވައި މުއިއްޒު ރޭ ވިދާޅުވީ، ޓެކްސީ އަކީ އާމްދަނީ ހޯދަން ބޭނުން ކުރާ ވަސީލަތަކަށް ވެފައި، އެއީ ހިދުމަތަކަށްވެސް ވުމުން ޕާކިންގެ ކަންތައް ހަމަޖައްސާއިރު ޓެކްސީތަކަށް ވެކި ގޮތަކަށް ބަލަން ޖެހޭ ކަމަށެވެ.

އެކަމަށްޓަކައި ކުރާ އިމާރާތްތަކުގައި ވިޔާފާރިއަށް އިންވެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުުގެ މަގާމުގައި ހުންނެވިއިރު، މާލޭގެ އެކި ހިސާބުގައި ގާއިމު ކުރަން މަސައްކަތްކުރި އިލެކްޓްރޯނިކް ޕާކިން ޒޯންތައް ގާއިމް ކުރުން، މިސަރުކާރުން ހުއްޓާލާފައިވާތީ، މުއިއްޒު ވިދާޅުވީ އެއީ ކުރިއަށް ގެންދިއުން މުހިއްމު ކަމެއް ނަމަވެސް އެކަން ހުއްޓާލުން އެއީ މި ސަރުކާރުގެ ނިންމުމެއް ކަމަށެވެ. ނަމަވެސް އެ ތަންތަނަކީ އޭގެ ކޮންމެ ތަނަކުން ހާހެއްހާ ޕާން ޖާގަ ލިބޭނެ ތަންތަން ކަމަށްވެސް ވިދާޅުވިއެވެ.

މަތި މައްޗަށް އެތައް ވެހިކަލެއް ޕާކު ކުރެވޭނެ ޖާގަ ލިބޭގޮތަށް އެތަންތަނުގައި ހަމަޖެހިފައި ހުރި ނަަމަވެސް އެ މަސައްކަތް ހުއްޓާލައި ބިމުގައި އެއް ލެވެލެއްގައި ވެހިކަލް ޕާކު ކުރާގޮތަށް ހެދުމުން މާލޭގައި އިންތިހާއަށް ގިނަވެފައިވާ ވެހިކަލް ޕާކިން އަށް ލިބޭ ޖާގަ މަދުވެފައި އެތަކެއްޗަށް އެކަށީގެންވާ ސަލާމަތްތެރިކަން ނުލިބޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.