އޭއެފްސީ ކަޕް

އޭއެފްސީ ކަޕުގެ މެޗުތަކަށް ހުއްދަ ދޭނީ ސިއްހީ ރައްކާތެރިކަން ޔަގީންކުރެވުމުން: މަބްރޫކް

ކޮވިޑް 19ގެ ހާލަތު ގޯސްވެ، ރާއްޖެއިން ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވުމާއެކު، ކުރިއަށް އޮތް އޭއެފްސީ ކަޕްގެ މެޗުތަކަށް ހުއްދަ ދޭނީ އެކަމާ މަޝްވަރާކޮށް، ސިއްހީ ރައްކާތެރިކަން ކަށަވަރުވުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރުން އާ ފިޔަވަޅުތަކެއް ރޭ އިއުލާންކޮށްފައިވާ އިރު، އެ ފިޔަވަޅުތަކާއެކު ޕާކުތަކާއި މައިޒާންތަކާއި ދުވާ ޓްރެކުތައް ބަންދުކޮށް، ކުޅިވަރު ކުޅުމާއި މުބާރާތްތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. ރާއްޖޭގެ ލީގު ހާއްސަ ހުއްދައަކާއެކު ކުޅުމަށް ކުރިން އެޗްޕީއޭއިން ހުއްދަ ދީފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ލީގުގެ ދެވަނަ ބުރު ނިމި، ދެން އޮތީ ބައިނަލްއަގުވާމީ މެޗުތަކެކެވެ.

އޭއެފްސީ ކަޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރަން ލިބިފައިވަނީ ރާއްޖެއަށެވެ. އެ ގްރޫޕުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ބަސުންދުރަ ކިންގްސް އަދި ރާއްޖޭގެ މާޒިޔާ ވާދަކުރާ އިރު، ގްރޫޕުގެ ފައިނަލް ޖާގަ ޔަގީންވާނީ މިމަހުގެ 11 ވަނަ ދުވަހު މާލޭގައި އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުންނެވެ.

މިމަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗަށް ބެންގަލޫރު އެފްސީ އަދި މާލެ އައިސްފައި ނުވާ އިރު، އިންޑިއާގެ ކޮވިޑް ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްކޮށެވެ. އޭގެ ފަހުން އޮންނަ ގްރޫޕް ސްޓޭޖު މެޗުތައް މިމަހު 14 އިން 21 އަށް މާލޭގައި ކުޅުމަށް ތާވަލު ކޮށްފައިވާ އިރު، އެ މެޗުތަކަށް އިންޑިއާގެ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް މާލެ އަންނަން ޖެހޭނެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މެޗުތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ މެޗުތަކަށް ހުއްދަ ދޭން މަޝްވަރާތައް ކުރަމުންގެންދާ ކަމަށާއި މެޗުތަކަށް ހުއްދަ ދޭނީ ސިއްހީ ކަންކަން ކަށަވަރުވެގެން ކަމަށެވެ.

"އޭއެފްސީ މުބާރާތުގެ މެޗުތަކަކާ ގުޅޭގޮތުން ޔޫތު މިނިސްޓްރީން ވަނީ ހެލްތު މިނިސްޓްރީއާއެކު މަޝްވަރާތަކެއް ފަށާފައި. އެކަމަށް އަދި ވަކި ގޮތެއް ނިންމައިފައެއް ނުވޭ. އެކަމުގައި ހެލްތު މިނިސްޓްރީން ނަންގަވާ ސްޓޭންޑަކީ އެކަން ކުރުމަށް ރައްކާތެރިކަން ކަށަވަރުވާނެކަން ޔަގީންވެގެން ނޫނީ އެކަމަށް ހުއްދަ ނުދޭނެ ކަމަށް. އެއީ ބައިނަލްއަގުވާމީ މުބާރާތަކާ ގުޅޭ ކަމެއް. މިއަދު އެކަމާ ޔޫތު މިނިސްޓްރީންވެސް މަޝްވަރާ ކޮށްފައިވަނީ. އެހެންވީމަ އެކަމަށް އަދި ވަކި ގޮތެއް ނުނިންމާ،" މަބުރޫކް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން ކުރިން ވަނީ އޭއެފްސީ ބައެއް މެޗުތައް އަތޮޅުތެރޭގައި ކުޅެން ރާވާ ކަމަށްވެސް ބުނެފައެވެ. އެހެންނަމަވެސް މިހާރުގެ ހާލަތަށް ބަލައި މެޗުތައް މާލެއިން ބޭރަށް ގެންދާނެ ކަމަކަށް ނުބެލެވެއެވެ.