ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑުގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި ހަފުތާގައި ރާއްޖެއިން އެވްރެޖުކޮށް ކޮންމެ ދުވަހަކު 300 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އިއްޔެއަކީ ރާއްޖެއިން ރެކޯޑު އަދަދަކަށް ކޮވިޑު ކޭސް ފެނުނު ދުވަހެކެވެ. އެއީ 508 ކޭސްއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ ނަންބަރުތައް އިންތިހާއަށް މަތިވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެހެންކަމުން ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރަން" ރައީސް ވިދާޅުވިއެވެ.

ކޮވިޑު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުކަށި ކުރަން އުޅޭކަމުގެ އިޝާރާތެއް ރައީސް ކުރެއްވި އިރު، ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ފިޔަވައި މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ އަންގައިފައެވެ.