އޭލެވެލް ޕޭޕަރުތައް އިތުރަށް ލީކު ނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލް އިން ދީފައި އޮއްވައި އިތުރު ޕޭޕަރުތަކެއް ލީކު ވެއްޖެ އެވެ.
އޭލެވެލް އިމްތިހާނުގެ ދެތިން ހަތަރު މާއްދާއެއްގެ ޕޭޕަރުތައް މީގެ ކުރިންވެސް ވަނީ ލީކުވެފަ އެވެ. އޭގެ ތެރޭގައި ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރު ވެސް ހިމެނެ އެވެ. ޕޭޕަރުތައް ލީކްވެފައިވަނީ ރާއްޖޭގައި މި މާއްދާތަކުގެ އިމްތިހާނު ބޭއްވުމުގެ ކުރިން ކަމަށް ވާއިރު މި ޕޭޕަރުތައް ބައެއް ކުދިންނަށް ފެނިފައިވާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން އެޑެކްސެލް އިން ބުނީ މިއަދުން ފެށިގެން އިތުރު އެއްވެސް ޕޭޕަރެއް ލީކު ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިއަދު 1:30ގައި ބާއްވަން ހަމަޖެހިފައިވާ ކެމިސްޓްރީ ޔުނިޓް ދޭއްގެ ޕޭޕަރު މިހާރު ލީކްވެފައިވާއިރު މި ޕޭޕަރު އެކި ޕްލެޓްފޯމްތަކުގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ ޕޭޕަރުތައް ލީކް ވެފައި ވަނީ ބޭރު ގައުމެއްގައި ކަމަށާއި ރާއްޖޭގެ އެއްވެސް ސެންޓަރަކުން ޕޭޕަރު ލީކް ވެފައި ނުވާނެ ކަމަށެވެ. ނަމަވެސް މި މާއްދާ ތަކުގެ އިމްތިހާނު ރާއްޖޭގައި ބާއްވާ ގަޑިއާއި އެހެން ގައުމުތަކުގަ ބާއްވާ ގަޑިއާ ތަފާތު ވުމުގެ ސަބަބުން ލީކްވި ޕޭޕަރުތައް ގިނަ ދަރިވަރުންނަށް ފެނިފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ލީކުވި ޕޭޕަރުތައް އަލުން ހަދައި ދަރިވަރުންނަށް އިމްތިހާނު ދިނުމަށް ރާއްޖެއިން ވަނީ އެޑެކްސެލް އަށް ހުށަހަޅާފަ އެވެ. އަދި މި ކަމުގައި ވަކި ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށާއި މިކަމުގައި ހެދޭނެ ގޮތަކާމެދު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު