ޚަބަރު

މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތްތައް މަޖިލީހުން ކުރިއަށް ނުގެންދާތީ ސަރުކާރުގެ ކަންބޮޑުވުން!

މުއާވިޔަތު އަންވަރު

މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތްތައް މަޖިލީހުން ކުރިއަށް ނުގެންދާތީ ސަރުކާރުން ކަންބޮޑުވުން ފާާޅުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، ގެއްލުމުގެ ބަދަލު އިންސާފުވެރިކަމާ އެކު ދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް މީގެ އަހަރު ދުވަސް ކުރިން ހުށަހެޅުއްވި ބިލެއް އަދިވެސް ނިމިފައި ނުވުމަކީ އެކަމަށް އެޅިގެންދާ ހިޔަންޏެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިބާވަތުގެ މައްސަލަތަކުގައި ދެ ފުށް ފެންނަ ގޮތަކަށް އެންމެ އިންސާފުވެރިކަމާ އެކު ކަން ކުރެވޭނީ ގާނޫނެއް އޮވެގެން. 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ސިވިލް ޕްރޮސީޖާރ ކޯޑް ނުވަތަ މަދަނީ އިޖުރާއަތުގެ ބިލެއް ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. މި ބިލް އަދިވެސް އޮތީ މަޖިލީހުގެ ކޮމެޓީއެއްގައި. އަޅުގަނޑު ހަނދާންވާ ގޮތުން ޖުޑިޝަރީ ކޮމެޓީގައި،" އަފީފު ވިދާޅުވި އެވެ.

އެހާ ގިނަ ދުވަސްވެގެން ދާއިރު އެ ބިލް ގާނޫނަކަށް ވެފައި ނުވުމަކީ އިންސާފު ގާއިމު ކުރުމަށް ސަރުކާރަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ބަދަލު ދިނުމުގެ މަސައްކަތް އަބަދުވެސް ކުރިއަށް ދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގެއްލުމުގެ ބަދަލު ދޭން ޖެހެނީ ސަރުކާރުން އެ މީހަކަށް ނުވަތަ ބަޔަކަށް ގެއްލުންތަކެއް ދީފައިވާތީކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ، އެ ގެއްލުން ދިން ބައެއްގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް ކަން ވަނީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެންމެ މުހިންމު އަދި އެންމެ ބޮޑު ވައުދަކީ އިންސާފު ގާއިމުކޮށްދިނުން ކަން ފާހަގަކުރައްވައި އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، އޭގެ ތެރޭގައި ގެއްލުމުގެ ބަދަލު ދިނުން ހިމެނޭ ކަމަށެވެ.

އެގޮތުން ކަނޑައެޅިގެން ދައުލަތުގެ އިހުމާލާ އެކު އެއްބަސްވުމެއް ބާތިލުކޮށްފައި އޮތް ނަމަ ކޯޓު މަރުހަލާގައި ދެ ފަރާތް އެއްބަސްވާ ގޮތަކަށް އެމައްސަލައެއް ނިންމުމަށް ސަރުކާރުން މީގެ ކުރިން ނިންމާފައިވާ ކަން އަފީފް ފާހަގަކުރެއްވި އެވެ. އަދި އެ އުސޫލުން ބައެއް މައްސަލަތައް ނިންމާފައިވާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުން ދޭން ޖެހޭ އަދަދު ކުޑަ ކުރެވިފައި ވެސް ހުންނާނެ،" އަހްމަދު އަބްދުﷲ އަފީފް ވިދާޅުވި އެވެ.

ކޯޓުތަކުގެ ބޭރުން އެފަދަ މައްސަލަތައް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރުމުން ކޮރަޕްޝަންގެ ތުހުމަތުތަކަކާއި އިނގިލި ދިއްކޮށްފައިވާކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ، އެކަން ނިމިގެން ދިޔައީ ކޯޓު ހުކުމަކުން ކަމަށެވެ. އަދި ކޯޓު މެދުވެރިކޮށް ނޫނީ ބަދަލު ނުދެވޭ ގޮތަށް ހުކުމް އައި ކަން ވެސް ފާހަގަކުރެއްވި އެވެ.

"އެއީ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް. ލުއި ގޮތަކަށް ދައުލަތަށް ވެސް ބުރަ ނުވާނެ ގޮތަކަށް މި ބާވަތުގެ މައްސަލަތައް ނިންމުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔަ މި މައްސަލަ،" އަފީފް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރު ވެސް ސަރުކާރުން ގަބޫލު ކުރަނީ، އިންސާފު ލިބެން ޖެހޭނީ ކޯޓުގެ ތިން މަރުހަލާ ނިންމައިގެން ނޫން ކަން އަފީފް ފާހަގަކުރެއްވި އެވެ.