މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމު ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ފަސް ސުވާލެއް އިމްރާނަށް ފޮނުއްވައި، ލިޔުމުން ޖަވާބު ހޯއްދަވައިދެއްވުމަށެވެ.
އެ ސުވާލުތަކަށް ޖަވާބު ހޯއްދަވައިދެއްވަން މީކާއިލް އެދިވަޑަައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުންނެވެ.
- 1. 1 މެއި 2021 ދުވަހުގެ ރޭ މާލޭގައި ބޭއްވުނު މުޒާހަރާއެއް ރޫޅައިލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ އިރު، މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް ފުލުހަކަށް ފިޔަވަޅެއް އެޅިފައިވޭތޯ؟ އަދި އެޅިނަމަ އެޅީ ކޮން ފިޔަވަޅެއްތޯ؟
- 2. 1 މެއި 2021 ދުވަހުގެ ރޭ މާލޭގައި ބޭއްވުނު މުޒާހަރާ ރޫޅާލަން ދިޔަ ފުލުހުން ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުންް އެ މީހުންގެ ސާވިސް ނަމްބަރު ފެންނަ ގޮތަށްތޯ؟
- 3. 1 މެއި 2021 ދުވަހުގެ ރޭ މާލޭގައި ބޭއްވުނު މުޒާހަރާ ރޫޅާލަން ހަރަކާތްތެރިވީ އެކަމާ ގުޅޭ، އެކަށީގެންވާ ޓްރެއިނިން ލިބިފައި ތިބި ފުލުހުންތޯ؟
- 4. މުޒަހާރަތަކާއި އެކިއެކި އެއްވުންތައް ރޫޅައިިލުމުގައި ފުލުހުން ހަރަކާތްތެރިވާ އިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެތޯ؟
- 5. ބޮޑެތި ތުހުމަތު ކުރެވިގެން އެ ތުުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާ އިރު ހުރިހާ ފަހަރަކު އެއް އުސޫލަކުން އަމަލު ނުކުރަނީ ކީއްވެތޯ؟
ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް މޫނާ ދިމާކޮށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. އަދި އަންހެނަކު ފުރަގަހަށް ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލައި މޫނަށް ޕެޕާ ސްޕްރޭ ޖަހާތަން ފެންނަ ވީޑިއޯ އާއި ފޮޓޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ އިރު، އެ މައްސަލަ ބަލައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް މިއަދު ވަނީ އަމުރުކުރައްވައިފައެވެ. އަދި ރޭގެ ހާދިސާއާ ގުޅިގެން އެންޓި-ޓޯޗާ ގާނޫނުގެ ދަށުން އެ މައްސަލަ ބަލަމުންދާނެ ކަމަށް އެޗްއާރުސީއެމުންވެސް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު