ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ ބަލިކުރަން ނުކުންނާނީ މަރަށް އަދި ފުރާނައަށް ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.
ޕީއެސްޖީން ޕެރިސްގައި ކުޅުނު މެޗުގައި އެޓީމު ސިޓީ އަތްދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރައި ސިޓީން ޕީއެސްޖީ ބަލިކޮށްފައިވާ އިރު، ނޭމާ ބުނެފައިވަނީ އެ ނަތީޖާއާއެކުވެސް އުންމީދު ގެއްލުވާ ނުލާ ކަމަށެވެ.
"ސިޓީ ބަލިކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ދަނޑުމަތީގައި ކުރާނަން. މަރަށް، ފުރާނައަށް ނުކުމެވެސް އެކަން ކުރާނަން،" ނޭމާ ބުންޏެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފައިވާ އިރު، އެޓީމުން ފައިނަލުގައި ބަލިވީ ބަޔާން މިއުނިކް އަތުންނެވެ. ޕީއެސްޖީގައި އޭރު ހުރި ކޯޗު ތޯމަސް ޓުޗެލް މިހާރު ޗެލްސީއާއެކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އޮތް އިރު، ޕީއެސްޖީގެ ކޯޗުކަމުގައި ހުރީ މައުރީސިއޯ ޕޮޗެޓީނޯއެވެ.
ޓޮޓެންހަމްއާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވާ ޕޮޗެޓީނޯ އަންގާރު ދުވަހުގެ ރޭ އޮންނަ ސެމީ ފައިނަލް ދެވަނަ ލެގަށް އެންމެ ބޮޑު އުންމީދެއް ދޭނެ ދެ ކުޅުންތެރިންނަކީވެސް ޕީއެސްޖީގެ އެމްބާޕޭއާއި ނޭމާއެއެވެ. ލީގުގައި ޕީއެސްޖީން ރޭ ކުޅުނު މެޗަށްފަހު ވާހަކަދައްކަމުން ނޭމާ ބުނީ ޕީއެސްޖީއާ މެދު އުންމީދު ކަނޑާނުލުމަށެވެ.
"ރެސްޓުކޮށް ފޯކަސް ކުރަނީ ޗެމްޕިއަންސް ލީގަށް. ފުރަތަމަ މެޗު ވަރަށް އުނދަގޫ. އެ ނަތީޖާއާއެކު ކޮލިފިކޭޝަނަށް ފުރުސަތުވެސް ހަނިވި. ފާރިސީންގެ ވިސްނުމާއެކު ފްރާންސުން ކުރާނެ އެއް ކަމެއް އެއީ ގަބޫލުކުރުން. އަހަންނަށް ޔަގީން އަހަންނަކީ ސިޓީ ބަލިކުރުމަށް ޓީމު ގޮވައިގެން ނުކުންނާނެ ދަނޑު މަތީގެ ހަނގުރާމަވެރިއެއްކަން،" ޖަޒުބާތާއެކު ވާހަކަ ދެއްކި ނޭމާ ބުނެފައިވެއެވެ.
ބާސެލޯނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ނޭމާ ޕީއެސްޖީއަށް ބަދަލުވީ ރެކޯޑު އަގެއްގައެވެ. ޕީއެސްޖީން ބޮޑެތި ހަރަދުތަކަކާއެކު ޗެމްޕިއަންސް ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް އަދި ކާމިޔާބުވެފައި ނުވާ އިރު، އެ މަސައްކަތް ކާމިޔާބުކުރުމުގެ އެންމެ ބޮޑު ހަތިޔާރަކީ ނޭމާ ކަމަަށް ވާނެއެވެ.
ނޭމާ
ނޭމާ
ނޭމާ