ކޮވިޑާ ދެކޮޅަށް ރަޝިޔާ އިން އުފެއްދި ސްޕުޓްނިކް-ވީ ވެކްސިން ރާއްޖެ ގެނައުމަށް ނަގަންޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ، ރާއްޖޭގައި މިހާރު ޖަހަމުން އަންނަ ވެކްސިންތަކުގެ އިތުރު ޑޯޒުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމެށެވެ. އެގޮތުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ޖެހުމަށް ފައިޒާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ސިންގަޕޫރުގެ އެސްޓްރާޒެނެކާ އިން އުފައްދާ ކޮވިޑް ވެކްސިންގެ 700،000 ޑޯޒު އަންނަ ޖޫން މަހު ރާއްޖެއަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމު އިތުރަށް ވިދާޅުވީ، ރަޝިޔާ ވެކްސިންވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ނެގުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން ބަލަމުން މިދަނީ ރަޝިޔާގެ ސްޕުޓްނިކްވެސް. ސްޕުޓްނިކްވެސް ވަރަށް ރަނގަޅު ކަމެއް ވަނީ. މިހާރު އަޅުގަނޑުމެން މިބަލަނީ އެމްއެފްޑީއޭ ހުއްދައިގެ ކަންކަން. އެންމެ ފަހު މަރުހަލާގައި މިވަނީ. އިރާދަކުރައްވިއްޔާ އެ ހުއްދަ މި ހަފުތާގެ ތެރޭގައި ލިބޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

ސްޕުޓްނިކް ވެކްސިނަކީ ރަޝިޔާގެ ގަމެލެޔާ ރިސާޗް އިންސިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބައިލޮޖީން އުފެއްދި ވެކްސިނެކެވެ. އުމުރުން ދުވަސްވީ މީހުންނަވެސް ޖެހޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި ވެކްސިނަކީ 91.6 ޕަސެންޓް އެފެކްޓިވް ވެކްސިނެއް ކަމަށް އެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކަށްފަހު އާންމުކޮށްފައިވާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ރާއްޖޭގައި މިހާރު ރާއްޖޭގައި އަންނަނީ ތިން ވެކްސިނެއް ބޭނުން ކުރަމުންނެވެ. އެއީ އިންޑިއާ އިން ތައްޔާރުކުރާ ކޮވިޝީލްޑް އާއި ފައިޒާގެ އިތުރުން ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ފަށާފައިވަނީ ކޮވިޝީލްޑާއި ސިނޮފާމްގެއެވެ. ފައިޒާ ވެކްސިން ޖަހައިދެމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ވަކި ހާއްސަ ބަޔަކަށެވެ.