ޚަބަރު

އެސްޓްރަޒެނެކާގެ ވެކްސިން ޖޫން މަހު ލިބޭނެ: މިނިސްޓަރު ނަސީމު

އިބްރާހިމް ޒަކީ

ސިންގަޕޫރުގެ އެސްޓްރާޒެނެކާ އިން އުފައްދާ ކޮވިޑް ވެކްސިން އަންނަ ޖޫން މަހު ރާއްޖެއަށް ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގުރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ، އެސްޓްރާޒެނެކާ އިން ވެކްސިން ގަތުމަށް ރާއްޖެ އިން ސޮއިކުރީ ހުސްވި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން އެސްޓްރާޒެނެކާގެ ވެކްސިންގެ 700،000 ޑޯޒު ގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެސްޓްރަޒެނަކާގެ ވެކްސިން ޖޫން މަހުގެ ތެރޭގެ ލިބުމުން އަނެއްކާވެސް ހިތްހަމަޖެހިގެން ވެކްސިން ދިނުމުގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭގެ އިތުރުން އަވައްޓެރި އިންޑިއާ އިންނާއި ރަޝިޔާ އިން އުފައްދާ ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމު އިތުރަށް ވިދާޅުވީ، އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންނަށް ޖެހުމަށް ފައިޒާ ވެކްސިން ގަތުމަށް ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.