މިދިޔަ މަހު ރާއްޖެއަށް 91،200 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 389،770 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 7،000 ފަތުރުވެރިންގެ އިތުރުވުމެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އެގައުމުން 20،246 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރަޝިޔާއިން އައިއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ، ޔުކްރެއިނުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ތެރޭގައި އެވްރެޖުކޮށް ދުވާލަކަށް ރާއްޖެއަށް 3،040 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ފަތުރުވެރިން އެވްރެޖުކޮށް ރާއްޖޭގައި ނުވަ ދުވަސް ހޭދަކުރެއެވެ.

މިވަގުތު ރާއްޖޭގައި 47،475 ޓޫރިސްޓު އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އަލުން ބޯޑަރުތައް ހުޅުވީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. މިދިޔަ އަހަރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.