ކޮވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް ރާއްޖެ އަންނަ އެންމެން ޕީސީއާރު ޓެސްޓުގެ ނަތީޖާ ގެންނަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިމަހުގެ 16 ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އުސޫލެއްގައި ބުނެފައިވާ ގޮތުގައި ފަތުރުވެރީން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓު އޮންނަން ނުޖެހުމާއި ކަރަންޓީނުވާން ނުޖެހޭނެއެވެ.

ނަމަވެސް އެ އުސޫލަށް އަނެއްކާވެސް މިވަނީ ބަދަލު ގެނެސްފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މި ފެށޭ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ފަތުރުވެރިންނާއި ކޮވިޑުގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން 96 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއާއެކު ދަތުރުކުރުމަށް އަންގާ ކަމަށާއި ނަމަވެސް އޭގެ ތެރޭގައި އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭނެ ކަމަށެވެ.

"..ބަޔާންކޮށްފައިވާ ފިޔަވަޅު އެޅި ނަމަވެސް، އަހުރެން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެ މަތީން އަމަލު ކުރެވޭނެއެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅު ތަންފީޒުކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ..،" އެ އެންގުމުގައި ބުނެފައިވެއެވެ.

އެ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކާއި ފަރާތްތަކަށް ވަނީ އަންގައިފައެވެ.